އެންމެނަށް ނާފިގެ މަޖާ

ނާފި އޭނާ ތައްޔާރުކޮށްފައިވާ މަޖާތައްޓެއް ދައްކާލަނީ
ކުރިން ގިނަ މީހުން މަޖާ ކާން ގޮސް އުޅުނީ ބޮޑުތަކުރުފާނު މަގުގައި އެއްކޮޅުން އަނެއްކޮޅަށް ބަހައްޓާފައި ހުންނަ ގާޑިޔާތަކަށެވެ. އެތަނަށް ގިނަ މީހުން ދަނީ މަޖާ ކެއުމުގެ އިތުރުން ހިތް އުފާކޮށްލާށެވެ. ފަހުން ގާޑިޔާތައް އެތަނުން ނެގީ އެވެ. މަޖާ ކައިލާ، ހިތްއުފާކޮށްލަން ދާ ތަން ގެއްލުނީ އެވެ. އެހެންކަމުން އުމުރުން 24 އަހަރުގެ ނާފިރާ މުހައްމަދު (ނާފި) ވަނީ ގޭގައި ތިބެގެން މަޖާ ކައިލެވޭނެ މަގު ފަހިކޮށްދީފަ އެވެ. ނާފިގެ މަޖަލުން އެތައްބަޔަކު ވަނީ މަޖާކޮށްލައިފަ އެވެ. "މަޖާ ބައި ނާފި" ބުނީމަ ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. ނާފި، މަޖާ ހަދަން ފެށި ގޮތް ވަރަށް ތަފާތެވެ. ނާފި ބުނި ގޮތުގައި ގޭތެރޭގައި އަބަދުވެސް މަޖާ މޮޑެގެން ކައި ހަދާ އުޅޭ އެވެ. ގޭ މީހުންނަށް ނާފި މޮޑޭ މަޖާ ވަރަށް މީރެވެ. މަޖާ ވިއްކައިގެން މަންފާއެއް ހޯދުމުގެ ހިޔާލު އައީ ކޮވިޑް-19 އާއި ގުޅިގެންނެވެ. ލޮކްޑައުންގެ ސަބަބުން ފިރިމީހާގެ ވަޒީފާ ގެއްލުނީ އެވެ. އެހެންކަމުން ނާފި އަށް ކުރަން އެނގޭ ކަމަކުން ފައިސާ ހޯދާނެ ގޮތެއް ހޯދީ އެވެ.
ވަރަށް ކުޑަކޮށް ޓެސްޓަކަށް ފެށި މި ވިޔަފާރި މިހާރު ވަރަށް ބޮޑެވެ. ގޭތެރޭގައި ކުރާ މި މަސައްކަތަށް ވަރަށް ޑިމާންޑް ބޮޑެވެ. ފުރަތަމަ އޯޑަރު ނެގި ދުވަހާ އަޅާ ބަލާއިރު މާ ބޮޑަށް ވެސް ވިޔަފާރި ވަނީ ކުރިއަރާފަ އެވެ. މި ކުޑަ ވިޔަފާރި ޕްރޮމޯޓްކުރަން ފޭސްބުކް، އިންސްޓަގުރާމް، އަދި ވައިބާގައި ވަނީ ޕޭޖް ހަދާފަ އެވެ. ނާފިގެ ވިސްނުން ހުރީ ކުރިއަށް އޮތްތަނުގައި މި ވިޔަފާރި މިއަށްވުރެވެސް ފުޅާ ކޮށްގެން ކުރިއަށް ދާށެވެ. އެކި ސައިޒުތަކުގެ މަޖާ ޕެކް ލިބެން ހުންނައިރު، ވިޔަފާރި ފެށިއިރާ ބަލާފަ މިހާރު ލިބެންހުންނަނީ ތަންކޮޅެއް ބޮޑެތި ޕެކްތަކެވެ. އެންމެ ކުޑަ ޕެކުން ހަތަރު މީހުންނަށް ކެވޭނެ އެވެ. ސައިޒުތަކަށް ބަލާއިރު، ސްމޯލް، މީޑިއަމް އަދި ލާޖް ވެސް ލިބެއެވެ. ދުވަސް ކޮޅުގެ ގޮތުން ނާފި ތައްޔާރު ކުރަނީ މަޖާ ޕެކްތަކުގެ ލާޖްއެވެ. ނަމަވެސް ކަސްޓަމަރުން އެއައްވުރެ ބޮޑު ކުރަން ބޭނުންވާނަމަ ކަސްޓަމައިޒްޑް ޕެކްތައްވެސް ހަދައިދެ އެވެ. އާންމުންގެ ޑިމާންޑް ބޮޑުކަމުން ނާފި ތަފާތު އެކި ވައްތަރުގެ އެކި ރަހަތަކުގެ މަޖާ ތައްޔާރުކުރެ އެވެ. މޮޑުނު މަޖާ، މަސްކާށި ޓްރޭ، މިކްސްޑް ފުރުޓް ވެސް ހިމެނެ އެވެ. ނާފި ބުނި ގޮތުގައި ކަސްޓަމަރުންގެ ތެރޭގައި މަގްބޫލީ މިކްސް ފްރުޓް މަޖަލެވެ. ދުވާލެއްގެ މައްޗައް މަދުވެގެން 10 އޯޑަރު ލިބެ އެވެ. ބައެއް ދުވަސްތައް ވަރަށް ބިޒީވެ އެވެ. އޯޑަރު ގިނަވެގެންނެވެ. އެކަލަ ދުވަސްތަކުގައި އެކަނި ނުވުމުން އަތް ގާތް ކޮށްދޭން މަންމަ ހުރެއެވެ. މަންމަ ނެތްނަމަ މިކަން ނުވާނެ ކަމަށް ވެސް ނާފި ގަބޫލު ކުރެ އެވެ. މަންމަ އަކީ މި މަސައްކަތުގައި ވަރަށް ބޮޑު ސަޕޯޓެއް ނާފި އަށް ދޭ މީހެކެވެ.
ނާފިގެ މަޖާ ހާއްސަވެފަ ކޮންމެހެންވެސް ޓްރައި ކޮށްލަން ޖެހޭ ސަބަބުތަކެއް ކިޔައިދިނެވެ. އެގޮތުން ނާފި ތައްޔާރުކުރާ މަޖާ ވަރަށް ފްރެޝް ވާނެ އެވެ. ނާފިގެ "ސީކްރެޓް ރެސިޕީ" އެއް ހިމެނިފައި، ރަހަތައް އަބަދުވެސް ބެލެންސް ވާނެ އެވެ. ރެސިޕީ ހޯދަން ވަރަށް ގިނަ މީހުން ގުޅަ އެވެ.

"ވަރަށް ގިނަ މީހުން ގުޅާފަ ބުނާނެ ރެސިޕީ ދޭން. ބައެއް މީހުން ދުރު ދުރުން ވެސް އަހާނެ މިވެނި އެއްޗެއް އަޅަންދޯ އޭ. އެކަމަކު އެއްވެސް މީހަކަށް އަސްލު ރެސިޕީ ނުދެން، ނާފި ބުންޏެވެ.

މަޖާ ހަދާ މީހުން ވަރަށް ގިނަވެއްޖެ އެވެ. ނަމަވެސް އެންމެ ފުރަތަމަ މަޖާ ހަދައިގެން ވިއްކަން ފެށި ފުރަތަމަ ގްރޫޕުގައި ނާފި ހިމެނޭނެ އެވެ. ނާފިގެ މަސައްކަތް ކޮޕީކުރާ މީހުން އުޅޭ ކަމަށް ވެސް ނާފި ބުންޏެވެ.

"ވަރަށް ގިނަ މީހުން ފަހުން އައިސް މި ގޮތައް ކޮޕީ ކުރަން ހުރޭ އުޅެފަ. މަޖާ ގަނެގެން ގޮސް އޭގަ ހުންނަ އިންގްރެޑިއެންޓްސް ބަލާފަ އެހެން ހަދަން ހުރޭ ޓްރައި ކޮށްފަ. ޕޭޖުން ފޮޓޯ ނަގައިގެން އެ ފޮޓޯ ބޭނުން ކޮއްގެން މާކެޓް ކޮށްފަ ވެސް އެބަހުރި. ވަރަށް ފަހުން ވެސް އެކަހަލަ ކަމަކާ ދިމާވި. އެންމެންވެސް މިކަން ކުރަންވީ ހަމަ. މައްސަލައެއް ނޫން. އެކަމަކު ކޮޕީ ނުކޮށް އަމިއްލަ ގޮތަކަށް." ނާފި ބުންޏެވެ.
ނާފި ގަބޫލު ކުރާގޮތުގައި މިކަމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. ޑިމާންޑާ އެއްވަރަށް މާލެއިން ބޭނުންވާ އެއްޗިއްސެއް ނުލިބެ އެވެ. ގިނަ ފަހަރަށް އެއްޗެހި ގެންނަނީ ޖެހެނީ އަތޮޅުތެރޭގެ އެކި ރަށްރަށުންނެވެ.

"އެކި ރަށްރަށުން އެއްޗެހި ގެންނަން މިޖެހެނީ. ބާޒާރުން އާންމުކޮށް ގަނެ އުޅުނަސް ގިނަ ފަހަރު ނުލިބޭ ބޭނުންވާ އެއްޗެއްސެއް. އަނބު ވެސް ނުލިބޭ. އެއީ މޫސުމީ އެއްޗެއް. އަނެއް ކޮޅުން ތަކެތީގެ އަގު އެހެން ހުރެލާފަ އަތް ނުފޯރާ ފަށަށް އެބަ އަރާ. އެހެން ކަމުން ވަރަށް އުނދަގޫ ތަކާ ދިމާވޭ،" ނާފި ބުންޏެވެ.
މަސައްކަތަށް ފާޑުކިޔާ މީހުން މަދުން ނަމަވެސް އުޅެ އެވެ. ނާފި ދެކޭ ގޮތުގައި އެއީ ލިބޭ ކުރިއެރުމެކެވެ. ގިނައިން އަންނަނީ ޕޮސިޓިވް ކޮމެންޓެވެ. މިކަމުން ކުރިޔަށް ދާން ނާފިއަށް އެންމެ ބޮޑަށް ސަޕޯޓެއް ދެނީ މަންމަ އާއި ފިރިމީހާގެ އިތުރުން ޑެއިލީ ކަސްޓަމަރުންނެވެ. ނާފި އެންމެ އުފާ ވަނީ ކަސަޓަމަރުން ބަރާބަރަށް އޯޑަރު ދޭތި އެވެ. ކަސްޓަމަރުންގެ ހުއްޓުމެއް ނެތް ސަޕޯޓާއިއެކު އެއް އަހަރު މެދުކެނޑުމެއް ނެތި މި މަސައްކަތް ދަނީ ކުރިޔަށެވެ.

މަޖާ ހަދަން ބޭނުންވާ މީހުނަށް ނާފި ދޭން ބޭނުންވާ މެސެޖެއްވެސް އެބައޮތެވެ. އެއީ މިއީ ގޭގައި ތިބެގެން ކުރަން ވަރަށް ރަގަޅު މަސައްކަތެއް ކަމަށެވެ. ރާގަޅު އާމްދަނީއެއް ލިބޭ އަދި އާއިލާއާއި އެކީ ގިނަ ވަގުތު ހޭދަކުރަން ވަގުތު ލިބޭ މަސައްކަތެއް ކަމަށެވެ. އަދި މީހުންގެ ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެއް ކަމަށް ބަލައިގެން ކުރިއަށް ދިއުމެވެ.