މި ފޮޓޯއަށް ދުނިޔޭގެ ރެކޯޑް ލިބުނު ގޮތެއް ނޭނގޭ!

55 މިލިއަން ލައިކްސް އާއެކު ދުނިޔޭގެ ރެކޯޑް މިހާރު އޮތް ބިސް
މީހުން އަޖައިބުވެ އަންތަރީސް ވާ ކަހަލަ ވަރަށް ގިނަ ފޮޓޯތަކާއި ހަބަރުތައް އަބަދާ އަބަދު ފެނެ އެވެ. ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވައިރަލްވެ އެތައް މިލިއަން ބަޔެއްގެ މަގްބޫލުކަން ލިބެނީ ކީއްވެގެން ކަން ވިސްނާ ވިސްނާ ވެސް ނޭނގޭ ފަހަރު ވެސް އާދެ އެވެ.
އެފަދަ އެއް ފޮޓޮއަކީ މީގެ ތިން އަހަރު ކުރިއްސުރެ ފެށިގެން އިންސްޓަގްރާމްގައި އެންމެ މަގްބޫލު ފޮޓޯގެ މަގާމު ހޯދާފައި ގިނިސް ވޯލްޑް ރެކޯޑް ގާއިމް ކޮށްފައިވާ ފޮޓޯއެވެ.

މިފަދަ މަގްބޫލުކަމެއް ލިބިދާނެ ކަމަށް ހީވެސް ނުކުރެވޭ ކަހަލަ މި ފޮޓޯ އަށް މިހާތަނަށް 55.5 މިލިއަން ލައިކްސް ލިބިފައި ވެއެވެ. އަދި 3.4 މިލިއަން ކޮމެންޓުތައް މި ފޮޓޮއަށް ވަނީ ކޮށްފަ އެވެ.

ދުނިޔޭގެ ރެކޯޑް ހަދާފައިވާ މި ފޮޓޯގައި އާއްމު މީހެއްގެ ނަޒަރުން ބަލާއިރު އެއްވެސް ހާއްސަ ކަމެއް ނެތެވެ. ސަބަބަކީ މިއީ ހަމަ އާދައިގެ ބިހެއްގެ ފޮޓޯއަކަށް ވާތީ އެވެ. ނަމަވެސް އަދިވެސް މި ފޮޓޯ ބަލައި މިއަށް ކޮމެންޓުކޮށް މިއަށް ލައިކް ދޭ މީހުން ވަރަށް ގިނަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ކުރި ޓުވީޓެއްގައި މި ފޮޓޯގެ ރެކޯޑްގެ ވާހަކަ ޝެއާ ކޮށްފައި ވެއެވެ.

'ވޯލްޑް-ރެކޯޑް-އެގް' ނަމަކަށް ކިޔާ އިންސްޓަގްރާމް އެކައުންޓަކުން ޝެއާ ކުރި މި ފޮޓޯގައި ވަނީ ހަމަ އެންމެ ބިހެކެވެ. އެ އެކައުންޓުން އިތުރު އެހެން ފޮޓޮއެއް ވެސް ޝެއާ ކޮށްފައެއް ނެތެވެ. މި އެކައުންޓުގެ ވީޑިއޯ ސެކްޝަންގައި ބަލާ ލެވޭ ގޮތަށް ދެ ވީޑީއޯ އެއް ވެއެވެ. މި ދެ ވީޑީއޯ ވެސް ޕޯސްޓް ކޮށްފައިވާ 2020 ގައެވެ. މި އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 4.8 މިލިއަނަށް އަރަ އެވެ.

ކުކުޅު ބިހެއްގެ މި ފޮޓޯ އިންސްޓަގްރާމްގައި ޝެއާކުރީ ޖެނުއަރީ 4، 2019 ގައެވެ.

"އެންމެން އެއްބަސް ކިޔާފައި، އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަށް މި ޕޯސްޓް ހަދަމާ ހިނގާބަލަ. މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބިފައި ވަނީ ކައިލީ ޖެނާގެ ޕޯސްޓަކަށް. އެ ފޮޓޯގެ ރެކޯޑް މުގުރާލަން ހިނގާ،" މި ފޮޓޯ ޝެއާ ކުރަމުން ލިޔެފައިވާ ކެޕްޝަންގައި ވެއެވެ.

ކޮންމެއަކަސް މި ފޮޓޯ ވެގެން ދިޔައީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެން އަދި އެރެކޯޑެއް މުގުރާލަން ގިނަ ބަޔަކު ބޭނުންވީ ފޮޓޮއަކަށެވެ. އެހެންވެ ފޮޓޯ ޕޯސްޓް ކުރިތާ އެންމެ 10 ދުވަސް ތެރޭގައި ޖެނުއަރީ 14، 2019 ގައި 30.5 މިލިއަން ލައިކްސް އާއެކު ކައިލީގެ ރެކޯޑް މުގުރާލި އެވެ. ކައިލީ ރެކޯޑް ގާއިމްކުރި ފޮޓޮއަކީ 2018 އިގެ ފެބްރުއަރީގައި އޭނާ ޝެއާ ކުރި އޭނާގެ ތުއްތު ދަރިފުޅު ސްޓޯމީގެ ފޮޓޯއެކެވެ. ކައިލީގެ ފޮޓޮއަކަށް ގާއިމް ކުރެވުނު ރެކޯޑް މުގުރާލަން މަސައްކަތް ފެށިއިރު އެ ފޮޓޯއަކަށް 18 މިލިއަން ލައިކްސް އޮތީ ލިބިފަ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން މި ފޮޓޯގެ ވާހަކަ ޓުވީޓު ކުރުމުން ވެސް ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. ކޮންމެ މީހަކުވެސް ބުނީ މިއީ ހަމަ ވަރަށް ބޮޑު އަޖައިބެއް ކަމަށެވެ.