ފޮޓޯއިން: ގިނަ ބަޔަކާ އެކު ޔާމިން ޖަނާޒާ ބޭއްވުން

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ގޮޅީގަ އެވެ. ގިނަ ޒަހަމްތަކަކާ އެކު އޮތް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށިތާ މާގިނައިރެއް ނުވެ ވަނީ މަރުވެފަ އެވެ.
ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ގޮޅީގަ އެވެ. ގިނަ ޒަހަމްތަކަކާ އެކު އޮތް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށިތާ މާގިނައިރެއް ނުވެ ވަނީ މަރުވެފަ އެވެ.
ޔާމީންގެ މެޔަށާއި ބޮލަށް އަދި ކަރަށް ޖުމްލަ 14 ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. އޭނާ މަރާލާފައިވާ ކަމަށް ލަފާ ކުރެވެނީ ރޭ ދަންވަރުގެ ވަގުތުގައި އޮފީސް ނިންމާލުމަށް ފަހު ގެއަށް ވަތް ވަގުތު އެވެ. މީގެ ކުރިން ވެސް ޔާމީންއަށް ވަނީ އެތައް މަރުގެ އިންޒާރުތަކެއް ކުރިމަތިވެފަ އެވެ. އެ މައްސަލަ އޭނާ ފުލުހަށް ވެސް އެކި ފަހަރުމަތިން ހުށަހެޅި އެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލައި ބަޔަކާ ސުވާލު ވެސް ކުރި ކަމަށާއި އޭގެ އަޕްޑޭޓް ވެސް ޔާމީންއަށް ދިން ކަމަށެވެ.
ޔާމިންގެ މަރު ކަށަވަރު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އެދުނު ނަމަވެސް އާއިލާއިން ޕޯސްޓް މޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ބުނުމުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު މިއަދު ވަނީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ ޔާމިންއަށް ބަޔަކު ގަސްތުގައި ހަމަލާދީ މަރާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. މާ ބޮޑު ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ޔާމިންގެ ޖަނާޒާ ބޭއްވި އިރު ގިނަ ބަޔަކު އޭނާގެ ޖަނާޒާއަށް ހާޒިރުވި އެވެ. އާއިލާއިން ބުނެފައި ވަނީ އެ މީހުންގެ އެދުމަކީ އެ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ވެސް މިއަދު ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބަޔަކު ހިންގި އަމަލަކީ މިނިވަން ހިޔާލާއި މިނިވަން މީޑިއާ އަދި މުޅި ސޯޝަލް މީޑިއާއަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ހަމަލާތައް ހިންގާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ސަރުކާރުން ވައުދުވި އެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ މައުމޫން އާއި ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ވެސް ޔާމިންގެ މަރުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައްވައިފަ އެވެ. އަދި ރާއްޖެއަށް ކަނޑައަޅާފައިވާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސަފީރުން ވެސް ވަނީ މި ހަމަލާ ކުށްވެރި ކުރައްވައި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައިފަ އެވެ.
ޔާމިންގެ ރަށްޓެހިންނާއި އެހެން ވެސް ފަރާތްތަކަށް މި މަރާ އެކު ވަނީ ސިހުމެއް ލިބިފަ އެވެ. ސޯޝަލް މީޑިއާގައި ހިތާމަ އާއި ކެކުޅުމާ އެކު އިހުސާސްތައް ހިއްސާކުރި ފަރާތްތަކުން ބުނެފައި ވަނީ ޔާމިން އަކީ ހިތްހެޔޮ މިތުރެއް ކަމަށާއި ހުނަރު ހުރި ގާބިލް ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ. އަދި ޔާމިންއަށް ދިން އިންޒާރުތައް ކުޑަކަމެއްގެ ގޮތުގައި ދެކުމަކީ އޭނާ މަރުވުމުގެ އަސްލު ކަމަށް ބައެއް މީހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ އާންމުންގެ އެކި ފަރާތްތަކަށް ދޭ އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި މި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.