ފޮޓޯ ސްޓޯރީ: ވީއައިއޭގެ ފްރެންޗައިޒްތައް

އެއާޕޯޓްގެ މަލަމަތި އެންމެ ރީތިކޮށްދޭ ތަނަކަށް މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންގެންދާ މި ފްރެންޗައިޒް އިމާރާތް ވެގެންދާނެ އެވެ. މިތަން މި އަހަރު ހުޅުވަން، އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން މަސައްކަތް ކުރަމުން އަންއިރު މިތަނުގެ އޮނިގަނޑު ވަނީ މިހާރު ނިމިފަ އެވެ. އަދި މިއާއެކު އެއާޕޯޓްގެ މަލަމަތި ރީތިވެ، މިހާރު ވެސް ފެންނަނީ ރީތި މަންޒަރެކެވެ.
އެއާޕޯޓްގެ މަލަމަތި އެންމެ ރީތިކޮށްދޭ ތަނަކަށް މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންގެންދާ މި ފްރެންޗައިޒް އިމާރާތް ވެގެންދާނެ އެވެ. މިތަން މި އަހަރު ހުޅުވަން، އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން މަސައްކަތް ކުރަމުން އަންއިރު މިތަނުގެ އޮނިގަނޑު ވަނީ މިހާރު ނިމިފަ އެވެ. އަދި މިއާއެކު އެއާޕޯޓްގެ މަލަމަތި ރީތިވެ، މިހާރު ވެސް ފެންނަނީ ރީތި މަންޒަރެކެވެ.
ދުރުން ފެންނަ އިރު ރާޅު ތަކެއްގެ ގޮތުގައި ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ މި ހިތްގައިމު އިމާރާތް ހުންނަ ތަނުގައި ހަދާ ރެސްޓޯރެންޓް އައުޓްލެޓްތަށް ވެގެންދާނީ ބޭރުގެ މައްޝޫރު ފްރެންޗައިޒް ތަކަށެވެ. މީގެތެރޭގައި މެކްޑޮނަލްޑްސާއި ކޭއެފްސީ އަދި ސްޓާބަކްސް އާއި ޕިއްޒާ ހަޓާއި ޑޮމިނޯޒް އާއި ކްރިސްޕީ ކްރީމާއި ޑަންކިން ޑޯނަޓްސްގެ އިތުރުން ހާޑް ރޮކް ކެފޭ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. އެއް ފަހަރާ 300 މީހުންނަށް ކެއިން ބުއިމުގެ ހިދުމަތް ހޯދޭނެ ޖާގަ މި އިމާރާތުގައި ހުންނާނެއެވެ.
ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ. ރާއްޖޭން ބޭރުން ފަރުމާކޮށްގެން ގެނެސް ރާވަމުންދާއިރު، މި ތަން ހަދަނީ އެއާޕޯޓަށް އަންނަ މީހުން އަރާ ޖެޓީ ސަރަހައްދުގަ އެވެ.
މި ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، "ކެޝުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހުންނާނެ އެވެ. އަދި "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ.
މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި އޮޕަރޭޝަނަށް ނެރެވޭ ވަރު ވާނީ މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެނޭޖް ކުރަމުންއަންނަ އެމްއޭސީއެލްއިން ބުނެއެވެ. މިހާރު އެ އޮނިގަނޑު ނިމިފައިވާއިރު މިތަނަށް އަންނާނީ އާދައިގެ މަރުކާތަކެއް ނޫންކަމުން މިތަން އިމާރާތް ކުރެވެމުން އަންނަނީ ދުނިޔެ ގަބޫލު ކުރާ ފެންވަރުގައެވެ.
މިތަން ހުޅުވަން ތައްޔާރުވާއިރު މިހާރު ވެސް އެއާޕޯޓުގައި ފްރެންޗައިޒް ރެސްޓޯރެންޓްތައް ހިންގަ އެވެ. މިގޮތުން އެއާޕޯޓުގައި ހުރި ފްރެންޗައިޒް ރެސްޓޯރެންޓްތަކުގެ ތެރޭގައި ކޮފީ ކްލަބާއި ބާގާ ކިންގް އަދި ދަ ޕިއްޒާ ކޮމްޕެނީގެ އިތުރުން ޑެއިރީ ކުއީން އަދި ތައި އެކްސްޕްރެސް ހިމެނެ އެވެ.
ވީއައިއޭގެ އާ ފާސްޓްވުޑް ޗެއިންތަކާއެކު، އެއާޕޯޓުގެ މަލަމަތިން މިހާރު މިވަނީ ރީތިކަން ފެންނަން ފަށައިިފި އެވެ. އަދި މިތަން ނިމުމުން އިތުރު ފުރިހަމަ ވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މި ޗެއިން ތަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދުނިޔޭގެ އެހެން އެއާޕޯޓްތަކާއި އެއްހަމައަކަށް އައިސް ދިވެހީންނަށް ވެސް އެތަށް ގިނަ ގުނަ ފައިދާ ތަކެއް ވާނެއެވެ.
ފޮޓޯ ސްޓޯރީ : އަހުމަދު ޝުރާއު | އަވަސް ފޮޓޯ