ގޭމް ސިސްޓަމް: 3-5-2
މިފަހަރުގެ ވޯލްޑްކަޕަކީ ރަޝިޔާގެ ހަތަރު ވަނަ ވޯލްޑް ކަޕެވެ. ރަޝިޔާ ވޯލްޑް ކަޕްގައި ވާދަ ކުރަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ރަޝިޔާގެ ނަމުގައި ހަތަރު ވަނަ ފަހަރަށް ވޯލްޑްކަޕްގައި ވާދަ ކުރި ނަމަވެސް، ސޯވިއަޓް ޔޫނިއަން ނުވަތަ ޔޫއެސްއެސްއާރްގެ ނަމުގައި އެގައުމުން ވަނީ ވޯލްޑް ކަޕްގައި ވާދަ ކޮށްފަ އެވެ.
އިންގްލެންޑްގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގައި، ސޯވިއަޓް ޔުނިއަން ވަނީ މުބާރާތުގެ ހަތަރު ވަނަ ހޯދާފަ އެވެ. ރަޝިޔާގެ ނަމުގައި އެ ގައުމުގެ ފުރަތަމަ ވޯލްޑްކަޕަކީ އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ.
ރަޝިއާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމެވެ. ނަމަވެސް ފުޓްބޯޅައިގައި ފާހަގަ ކުރެވޭ ބާރެއް ނޫނެވެ. ވޯލްޑްކަޕްގައި މީގެކުން ވާދަ ކުރިން ތިން ފަހަރުވެސް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. މުބާރާތް އަމިއްލަ ގައުމުގައި ބޭއްވުމުގެ އިތުރަށް މިފަހަރުގެ ވޯލްޑްކަޕަކީ ރަޝިޔާއަށް ވަރަށް މުހިންމު މުބާރާތެކެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިސްކަން ދެއްވާ ލިސްޓްގެ އެންމެ ކުރީގައި ވޯލްޑްކަޕް ވަނީ ހިމަނާފަ އެވެ. އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަކީ ރަޝިޔާގެ ބޮޑު އަމާޒެކެވެ.
މުހިންމު ކުޅުންތެރިން
ރަޝިއާގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން އީގޯ އަކިންފީވް އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އެހެންވެ އޭނާގެ ތަޖުރިބާއާ މެދު ސުވާލު އުފައްދަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަކިންފީވް،32 ގެ މުޅި ކެރިއާ އޭނާ ހޭދަ ކުރަނީ ވެރިރަށް މޮސްކޯއަށް ނިސްބަތްވާ އެންމެ ބޮޑު ކުލަބު ސީއެސްކޭ މޮސްކޯގަ އެވެ.
ރަޝިއާ ޓީމުގެ ހަމަލާތައް އުފެއްދުމުގައި، އެންމެ ބޮޑު އެހީއެއް ވެދޭ މިޑްފީލްޑަރު ސީއެސްކޭ މޮސްކޯގެ އެލަން ޒަގްއޭވް ( Alan Dzagoev ) އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ފޯމަށް ބަދަލެއް ނާދެ އެވެ. ފޯވަޑްލައިންގައި ހަރަކާތްތެރިވާ ސްޓައިކަރު ފިޑޯ ސްމޮލޮފް ( Fyodor Smolov ) އާއި އެލެކްސެންޑާ ކޮކްރިން ( Aleksandr Kokorin ) އަކީ ވެސް ޓީމު މުހިންމު ކުޅުންތެރިންނެވެ. މިދިޔަ އަހަރު އެ ދެ ކުޅުންތެރިން ވަނީ ގިނަ ލަނޑުތަކެއް ޖާހަފަ އެވެ.
ރަޝިޔާގެ ޓީމުން ފާހަގަ ކުރެވޭނެ އެންމެ ޝައުގުވެރި ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމަށްވާ އެލެކްސީ މިރާންޗުކް ( Aleksei Miranchuk ) އާއި އެންޓޯން މިރާންޗުކް ( Anton Miranchuk ) އެވެ. މިޑްފީލްޑަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ މި ދެބެއިންވެސް ކުޅެމުން ދަނީ ލޮކޮމޯޓިވް މޮސްކާ އަށެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން ސީއެސްކޭ އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑާ އެލެކްސެންޑާ ގޮލޮވިން ( Aleksandr Golovin ) 21 އަކީވެސް މިފަހަރުގެ ވޯލްޑްކަޕްގައި ރަޝިއާގެ ޓީމުން ވިދާލާނެ ޒުވާން ކުޅުންތެރިން ކަމަށް ބެލެވެ އެވެ.
ކޯޗް
ގައުމުން ބޭރުން އަގުބޮޑުކޮށް މަޝްހޫރު ބައެއް ކޯޗުން ގެނެސްގެން ކުރި ތަޖުރިބާ ރަޝިއާއަކަށް މާ ރަނގަޅެއް ނޫނެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި މަޝްހޫރު ކޯޗުން ކަމަށްވާ، އިޓަލީގެ ފަބިއޯ ކަޕެއްލޯ އާއި ހޮލެންޑްގެ ގުސް ހިޑިންކްގެ އާއެކު ކުރި ތަޖުރިބާ އަށްފަހު، ރަޝިޔާއިން މިފަހަރުގެ ވޯލްޑް ކަޕަށް ދަނީ އަމިއްލަ ގައުމުގެ ކޯޗެއް ކަމަށްވާ ސްޓަނިސްލަވް ޝެއާޝްސޮވް (Stanislav Cherchesov)އާއެކު އެވެ.
އޭނާ އަކީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރެވެ. ސޯވިއަޓް ޔޫނިއަންގެ ގޮތުގައި އޮތް އިރު އަދި ފަހުން ސޯވިއަޓް ޔޫނިއަން ރޫޅި ރަޝިއާ އަށް ބަދަލުވި ފަހުންވެސް އޭނާ ވަނީ ގައުމީ ޓީމުގެ ގޯލް ބަލަހައްޓާފަ އެވެ. ޑައިނަމޯ މޮސްކޯ އާއި ސްޕާޓަކް މޮސްކޯއަށް ކުރިން ކޯޗް ކޮށްދިން ޝެއާޝްސޮވް ރަޝިއާގެ ޓީމާ ހަވާލުވީ ޔޫރޯ 2016 ގައި އެ ޓީމަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ. ޓީމާ ހަވާލުވެ އޭނާ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު ބަދަލެއް ގެނައީ ޑިފެންސަށެވެ. އޭނާ ވަނީ ދުވަސްވީ ބައެއް ކުޅުންތެރިން ޓީމުން ދޫކޮށްލާފަ އެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ގެނައީ ޒުވާން ކުޅުންތެރިން ކަމަށްވާ ސީއެސްކޭ މޮސްކޯގެ ވިކްޓާ ވަސިން އާއި ސްޕާޓަކް މޮސްކޯގެ ޖިއޯޖީ ޒްކިއްޔާ ( Georgi Dzhikiya ) އެވެ. އަދި ރުބިން ކަޒާންގެ ފީޑޯ ކޫޑާޔާޝޮވް (Fedor Kudryashov) އެވެ. ހަތަރު ޑިފެންޑަރުންގެ ބަދަލުގައި ޝެއާޝްސޮވް ރަޝިޔާ ޓީމުގެ މައި ދިފާއު އަތުރާލާފައި ވަނީ ތިން ޑިފެންޑަރުންގެ މައްޗަށެވެ.