ވޯލްޑް ކަޕް 2018

އުރުގުއޭ

Jun 12, 2018

ވޯލްޑްކަޕްގެ އަލަތު ހުރިހާ ޝަރަފެއް ހޯދީ އުރުގުއޭ އިންނެވެ. ވޯލްޑްކަޕް އެންމެ ފުރަތަމަ ކާމިޔާބު ކުރީ އުރުގުއޭ އިންނެވެ. ވޯލްޑްކަޕް އެންމެ ފުރަތަމަ ބޭއްވީވެސް އުރުގުއޭގަ އެވެ. އެއީ 1930 ވަނަ އަހަރު އެވެ. ބްރެޒިލްގައި 1950 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްވެސް ކާމިޔާބު ކުރީ އުރުގުއޭ އެވެ. ނަމަވެސް އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕުގައި ދެ ވަނަ ބުރަށްވުރެ ދުރަށް އުރުގުއޭއަކަށް ނުދެވުނެވެ.

ކޮލިފައިވީ ގޮތް

އެންމެ ފަހުން ބޭއްވި ހަތަރު ވޯލްޑްކަޕުގެ ވެސް ކޮލިފައިންގައި އުރުގުއޭ އަށް ޖެހުނީ ޕްލޭއޮފް ބުރަށް ދާށެވެ. ނަމަވެސް މިފަހަރުގެ ވޯލްޑްކަޕަށް އެ ޓީމުން ކޮލިފައިވީ ބްރެޒިލްގެ ފަހަތުން ސަރަހައްދުގެ ދެ ވަނަ ހޯދައިގެންނެވެ. ބްރެޒިލްއާ އުރުގުއޭ ދެމެދު 10 ޕޮއިންޓްގެ ބޮޑު ފަރަގެއް އޮތެވެ. ބްރެޒިލްއަށް 41 ޕޮއިންޓެވެ. އުރުގުއޭއަށް 31 ޕޮއިންޓެވެ. ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. ފަސް މެޗުން ބަލިވެ ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މުހިންމު ކުޅުންތެރިން

އުރުގުއޭ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. އޭނާ އަކީ އުރުގުއޭގެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 49 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ފެށީ 2007 ވަނަ އަހަރު އެވެ. ޕީއެސްޖީގެ އެޑިންސަން ކަވާނީ އަކީވެސް ސުއަރޭޒް އާއެކު އެޓޭކިންގައި ހިއްސާވާ އަނެއް ސްޓައިކަރެވެ. އިންޓަ މިލާންއަށް ކުޅެމުންގެންދާ މިޑްފީލްޑާ މަޓިއަސް ވެސީނޯ އާއި އާޖެންޓީނާގެ ބޮކާ ޖޫނިއާސްއަށް ކުޅެމުންގެންދާ ޒުވާން މިޑްފީލްޑަރު ނަހިޓާން ނަންޑްޒްއަކީ ޓީމުގެ އެޓޭކިން ގޭމުގައި މިޑްފީލްޑްގައި ލީޑް ކުރާނެ ކުޅުންތެރިންނެވެ.

މިޑްފީލްޑްގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ، ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓްގެ ދަށުން ލޯން އުސޫލުން ޑިޕޯޓިވޯ ލަކަރޫނިއާއަށް ކުޅެމުންދާ ފެޑެރީކޯ ވަލްވެރުޑޭ އާއި ޔުވެންޓަސްގެ ރޮޑްރިގޯ ބެންޓަންކާ އަކީ ޓީމުގެ މިޑްފީލްޑަށް އިތުރު ހަކަތަ ފޯރުކޮށްދޭނެ ކުޅުންތެރިންނެވެ. އުރުގުއޭގެ ކެޕްޓަން އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑާ ޑިފެންދރު ޑިއޭގޯ ގޮޑިން އަކީ ޓީމުގެ ޑިފެންސްގެ މައި ތަނބެވެ.

ކޯޗް

އޮސްކާ ޓަބަރޭޒް، އުރުގުއޭގެ ކޯޗް ކަމާ ހަވާލުވީ ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް އުރުގުއޭ ކޮލިފައި ނުވުމުން އުރުގުއޭގެ ފުޓްބޯޅަ މަސްރަހުގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ވަގުތެއް ގައެވެ. އޭނާ ވަނީ ކުރިންވެސް އުރުގުއޭގެ ޓީމަށް ކޯޗް ކޮށްދީފަ އެވެ. އެއީ 1988 ވަނަ އަހަރުން 1990 ވަނަ އަހަރަށެވެ.

ދެ ވަނަ ފަހަރަށް، އުރުގުއޭގެ ކޯޗް ކަމާ ހަވާލުވެ، އޭނާ ވަނީ އުރުގުއޭ ޓީމަށް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ފަހަކަށް އައިސް އުރުގުއޭ ގޭމް ޕްލޭން ބިނާ ކޮށްފައި ވަނީ އެޓޭކިން ގޭމެއްގެ މައްޗަށެވެ. އެ ޕްލޭނަށް ޓީމު ބައްޓަން ކޮށް އޭނާ ވަނީ 2011 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ މުބާރާތް އުރުގުއޭއަށް ކާމިޔާބު ކޮށްދީފަ އެވެ.

މި އަހަރުގެ ވޯލްޑްކަޕަކީ އޭނާގެ ހަތަރު ވަނަ ވޯލްޑްކަޕެވެ. ޖެހިޖެގެން ތިން ވަނަ ވޯލްޑްކަޕެވެ. އެއް ގައުމެއްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗުގައި ކޯޗް ކޮށްދިން ކޯޗުގެ ރެކޯޑް އޮތީ ޓަބަރޭޒް އަތުގަ އެވެ. އޭނާ ވަނީ ޖަރުމަންގެ ކުރިގެ ކޯޗް ސެޕް ހާބަގާ ޖަރުމަންގެ ގައުމީ ޓީމަށް ކޯޗް ކޮށްދީފައިވާ 167 މެޗަށް ވުރެ ގިނައިން، އުރުގުއޭ ޓީމަށް ކޯޗް ކޮށްދީފަ އެވެ. ކުރިން ސްކޫލެއްގެ މަސައްކަތް ކޮށްފައި ވުމުން ވަނަމެއްގެ ގޮތުގައި "ޓީޗަރު" ގެ ނަން ދީފައިވާ އުމުރުން 70 އަހަރުގެ ޓަބަރޭޒް ވަނީ 2016 ވަނަ އަހަރުގައި ނާރުގެ މައްސަލައެއް ކުރިމަތިވެ ފަރުވާ ހޯދާފަ އެވެ. އޭގެފަހުން އޭނާ ވީލްޗެއާ ވެސް ބޭނުން ކުރި އެވެ. މިހާރު އޭނާ ހިނގަނީ އަސައެއްގެ އެހީގަ އެވެ.