ވޯލްޑް ކަޕް 2018

ޕޯޗްގަލް

Jun 12, 2018

ގޭމް ސިސްޓަމް: 4-4-2

ޕޯޗްގަލްއަކީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި އެ މުބާރާތުގައި، އެ ގައުމު 1-0 ބަލިކޮށް ޕޯޗްގަލުން އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހްގައި އެންމެ ފުރަތަމަ ބޮޑު މުބާރާތް ކާމިޔާބު ކުރި އެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރުތަކުގެ ތެރެއިން ވޯލްޑްކަޕުގައި އޮތް ނުލެވޭ ހަމައަކަނި ޓީމަކީ ޕޯޗްގަލް އެވެ. ވޯލްޑްކަޕްގައި އެ ޓީމުގެ އެންމެ ރަނގަޅު ނަތީޖާ އެއް އޮތީ އިންގްލެންޑްގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ. އެ ޓީމުން ވަނީ އެ މުބާރާތުގެ ތިން ވަނަ ހޯދާފަ އެވެ. ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި އެ ޓީމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެ އެވެ.

ކޮލިފައިވީ ގޮތް

ޕޯޗްގަލް ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރަޕް ކޮލިފައިން ބުރުގައި، ގުރޫޕް "ބީ" ގެ އެއް ވަނަ ހޯދައިގެންނެވެ. ގުރޫޕްގެ އެއް ވަނަ ޕޯޗްގަލް ހޯދީ، ކޮލިފައިންގެ އެންމެ ފަހު މެޗުގައި، އޭރު އެއް ވަނައިގައި އޮތް ސްވިޒަލޭންޑް 2-0 ން ބަލި ކުރުމަށްފަހު އެވެ. ޕޯޗްގަލް އާއި ސްވިޒަލޭންޑަށްވެސް ޕޮއިންޓް ލިބުނީ އެއްވަރަކަށެވެ. ދެ ޓީމަށްވެސް 27 ޕޮއިންޓެވެ.

ކުޅުނު 10 މެޗުގެ ތެރެއިން ދެ ޓީމުވެސް މޮޅުވީ ނުވަ މެޗުންނެވެ. ދެ ޓީމުވެސް ބަލިވީ އެއް މެޗުންނެވެ. ދެ ޓީމު ކުޅުނު ދެ ލެގް މެޗުގެ ތެރެއިން ފުރަތަމަ ލެގް މެޗު އަމިއްލަ ދަނޑުގައި ކުޅެ ސްވިޒަލޭންޑް ކާމިޔާބު ކުރީ 2-0 ން ނެވެ. ދެ ވަނަ ލެގް މެޗު ޕޯޗްގަލް އަމިއްލަ ދަނޑުގައި ކުޅެ އެ ޓީމު މޮޅުވީ ހަމަ އެ ނަތިޖާއިންނެވެ. ޕޯޗްގަލްއަށް އެއް ވަނަ ލިބުނީ ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ. ޕޯޗްގަލްއަށް ފައިދާ 28 ގޯލް ލިބުނެވެ. ސްވިޒަލޭންޑަށް ފައިދާ 16 ގޯލެވެ.

މުހިންމު ކުޅުންތެރިން

ޕޯޗްގަލްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯކަން ކަށަވަރެވެ. އޭނާ ވަނީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. ޕޯޗްގަލް އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކީވެސް ރޮނާލްޑޯ އެވެ. އަދި ޕޯޗްގަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަކީވެސް ރޮނާލްޑޯ އެވެ. ނަމަވެސް ޔޫރަޕްގެ ގޯލް މެޝިންގެ ގޮތުގައި މަޝްހޫރުވެފައިވާ ރޮނާލްޑޯ އަށް މިދިޔަ ސިޒަންގައި ރެއާލް މެޑްރިޑްގައި ގޯލް ޖެހުމުގެ ޖާދޫއެއް ނުދެއްކުނެވެ. ނަމަވެސް ޗެމްޕިއަންސް ލީގްގައި އޭނާ ގިނަ ގޯލްތަކެއް މިފަހަރުވެސް ޖެހި އެވެ. ވޯލްޑްކަޕް ކޮލިފައިންގައި އޭނާ ވަނީ ޕޯޗްގަލްއަށް 15 ލަނޑު ޖަހައިދީފަ އެވެ.

ޕޯޗްގަލް ބޮޑަށް ބަރޯސާ ވަނީ ރޮނާލްޑޯގެ މައްޗަށް އެކަންޏެއް ނޫނެވެ. ޔޫރޯގެ ފައިނަލުގައިވެސް މެޗުގެ ކުރީ ކޮޅު އޭނާ އަށް އަނިޔާވުމުން، އޭނާ ބަދަލު ކުރި އެވެ. ފައިނަލުގައި ރޮނާލްޑޯއަށް ވުރެ ފާހަގަވީ އެހެން ކުޅުންތެރިންގެ މަސައްކަތެވެ. އެޑްރީން ސިލްވާ އާއި ބެނާޑޯ ސިލްވާ އަދި އަންޑްރޭ ސިލްވާ އަކީ ޕޯޗްގަލްގެ ހަމަލާތަކުގައި މުހިންމު ކުޅުންތެރިންނެވެ. ހާއްސަކޮށް އަންޑްރޭ ސިލްވާ އަށް ރޮނާލްޑޯއާއެކު އެޓޭކްތަކުގައި މުހިންމު ހިއްސާއެއް ވެދެވޭނެ ކަމަށް ގަބޫލު ކުރެވެ އެވެ. ޕޯޗްގަލްގައި ޒުވާން ކުޅުންތެރިން އެންމެ މަދު ޑިޕާޓެމެންޓާކީ ޑިފެންސެވެ. ޑިފެންސުގައި ތިބީ ތަޖުރިބާ ކާރު ކުޅުންތެރިންނެވެ. ރެއާލް މެޑްރިޑްގެ ކުރިގެ ޑިފެންޑަރު މިހާރު ތުރުކީގެ ބެސިކްޓަސްގެ ޕެޕޭ އާއި ވެސްޓްހަމް ޔުނައިޓަޑްގެ ހޯސޭ ފޮންޓޭ އަދި ސްކޮޓްލެންޑްގެ ރޭންޖާސް އެފްސީ އަށް ކުޅެމުންދާ ބުރުނޯ އަލްވޭސް އަކީ އުމުރުގެ ގޮތުން ދޮށީ ކުޅުންތެރިންނެވެ.

ކޯޗު

ފެނާންޑޯ ސަންޓޯސް، ޕޯޗްގަލްގެ ކޯޗް ކަމާ ހަވާލުވީ، 2014 ވަނަ އަހަރު ސެޕެޓެމްބަރު މަހު އެވެ. އޭނާ އާ ކޯޗް ކަން ހަވާލު ކުރީ އެ އަހަރު ވޯލްޑްކަޕުގައި، ގުރޫޕް ސްޓޭޖުން ޕޯޗްގަލް ކެޓުމުން އޭރު ކޯޗަކަށް ހުރި ޕައުލޯ ބެންޓޯ މަގާމުން ވަކި ކުރުމަށްފަހު އެވެ. އެފަހަރު ވޯލްޑްކަޕްގައި ސަންޓޯސް ހުރީ ގްރިސްގެ ކޯޗަކަށެވެ. އޭނާ ވަނީ ގްރީސް ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ގެންގޮސްދީފަ އެވެ. ދެ ވަނަ ބުރުގައި ގްރީސް ބަލިވީ ޕެނަލްޓީ ޖަހައިގެން ކޮސްޓަރިކާ އަތުންނެވެ.

ސަންޓޯސް ކޯޗް ކަމުގެ ދަށުން، ޕޯޗްގަލް ކުޅުނު ފުރަތަމަ މެޗަކަށްވީ، ޔޫރޯ 2016 ގެ ކޮލިފައިންގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ޕޯޗްގަލް މޮޅުވީ 1-0 ންނެވެ. އޭނާ އާއެކު ޕޯޗްގަލް ކުރިމަތިލި ފުރަތަމަ މުބާރާތަކަށްވީވެސް ޔޫރޯ އެވެ. އެ މުބާރާތް ޕޯޗްގަލްއަށް ކާމިޔާބު ކޮށްދިނެވެ. ޔޫރޯ ކާމިޔާބު ކުރި ނަމަވެސް، ގުރޫޕް ސްޓޭޖުގައި ޕޯޗްގަލްއަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތިވި އެވެ. ހާއްސަކޮށް ޑިފެންސުގައި ޕޯޗްގަލް ފެނުނީ ބަލިކަށި ކޮށެވެ. ނަމަވެސް އޭގެ ދޮޅު އަހަރު ފަހުން ސަންޓޯސް ވަނީ އޭނާގެ ޓީމުގެ ޑިފެންސް ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭނާ އެޅި އެންމެ މުހިންމު ފިޔަވަޅަކީ ޓީމުގެ މިޑްފީލްޑް މެދުވެރިކޮށް އެޓޭކިން ގޭމް ވަރުގަދަ ކުރުމެވެ. އޭގެ ސަބަބުން އަމިއްލަ ޓީމު އަތުގައި ބޯޅަ ކޮންޓްރޯލް ކުރެވި ޑިފެންސަށް ބާރު ކުޑަ ވެގެން ދިޔަ އެވެ. އަދި އެޓޭކިންގައި ރޮނާލްޑޯ އަށް ބަރާސޯވާ ގޮތަށް އޮތް ސިސްޓަމް ބަދަލުކޮށް އެޓޭކަށް ގިނަ ނަންތަކެއް އިތުރު ކުރި އެވެ.