ވޯލްޑް ކަޕް 2018

މޮރޮކޯ

Jun 12, 2018

ގޭމް ސިސްޓަމް: 4-5-1

ވޯލްޑްކަޕްގައި އެފްރިކާ ބައްރުގެ މޫނުމަތި ބަދަލު ކޮށްލި ގައުމަކީ މޮރޮކޯ އެވެ. ވޯލްޑްކަޕް ތާރީހްގައި އެފްރިކާ ބައްރުން، ދެ ވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމަކީ މޮރޮކޯ އެވެ. މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ދެ ވަނަ ބުރަށް އެ ޓީމު ދަތުރު ކުރި އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ އެފަހަރު މުބާރާތުގެ ރަނަރަފު ހުޅަނގު ޖަރުމަން އަތުންނެވެ. އެންމެ ފަހުން އެ ޓީމު ވާދަ ކުރީ ފްރާންސްގައި 1998 އަށް ވަނަ އަހަރު ވޯލްޑްކަޕްގައެވެ. އެފަހަރު ގުރޫޕް ސްޓޭޖުން އެ ޓީމު ކެޓީ ހިތްދަތި ގޮތަކަށެވެ. މީގެ 20 އަހަރު ކުރީގެ އެ ހިތްދަތިކަމަށް ފަހު މޮރޮކޯއިން ވަރުގަދަ ޓީމެއް އެކުލަވާލައިފި އެވެ. މިފަހަރު ވޯލްޑްކަޕަށް އެފްރިކާ ބައްރުގެ ކޮލިފިކޭޝަންގައި ބައިކޮޅަށް ލަނޑެއް ނުވަންނަ ހަމައެކަނި ޓީމަކީ މޮރޮކޯ އެވެ.

ކޮލިފައިވީ ގޮތް

މޮރޮކޯ ވޯލްޑްކަޕަށް ކޮލިފައިވީ، އެފްރިކާ ޒޯންގެ ގުރޫޕް "ސީ" ގެ އެއްވަނަ ހޯދައިގެންނެވެ. ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދި އެވެ. ހަތަރު މެޗުން މޮޅުވި އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ދެ ވަނައިގައި ނިންމާލި މަޝްހޫރު އައިވަރީކޯސްޓަށް ލިބުނީ އަށް ޕޮއިންޓެވެ. ކޮލިފައިންގައި މޮރޮކޯގެ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ، ކަރީމް އަލް އަހްމަދީ އާއި މުބާރަކް ބުސޫފާ ތަޖުރިބާ މުހިންމު ދައުރެއް އަދާ ކުރި އެވެ.

މުހިންމު ކުޅުންތެރިން

މޮރޮކޯ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޔުވެންޓަސްގެ ޑިފެންޑަރު މަހްދީ ބެނާޓިއާ އެވެ. ބަޔާން މިޔުނިކްގެ ލޯން އުސޫލުން ޔުވެންޓަސްއަށް އޭނާ ކުޅެން ފެށީ 2014 ވަނަ އަހަރު އެވެ. ޔުވެންޓަސްއިން އޭނާ އެ ޓީމުގެ ދާއިމީ ކުޅުންތެރިޔަކަށް ހެދީ މި ސީޒަންގަ އެވެ. މި ސީޒަންގައި ޔުވެންޓަސްގެ ކާމިޔާބުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ އަކީ ގައުމީ ޓީމުގެ ކެޕްޓަނެވެ. އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް 52 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މެޗު އޭނާ ކުޅުނީ ވޯލްޑްކަޕް ކޮލިފައިން ބުރުގައެވެ. ޑިފެންސްގެ މައި ތަނބަކަށް އޭނާ ހުރެ އާނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ކޮލިފައިންގައި އެ ޓީމު ކޮޅަށް އެންމެ ލަނޑެއްވެސް ވަދެފައެއް ނުވެއެވެ. ވޯލްޑްކަޕްގެ ޖާގަ ޔަގީން ކުރި މެޗުގައި، މޮރޮކޯއިން އައިވަރީކޯސްޓް ކޮޅަށް ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ކާމިޔާބު ކުރީވެސް ބެނާޓިއާ އެވެ.

މީގެ އިތުރުން ހޮލެންޑަށް އުފަން ދެ ކުޅުންތެރިން ކަމަށްވާ އަޔެކްސްގެ މިޑްފީލްޑާ ހާކިމް ޒިޔެކް އާއި ނޫރައްދީން އަމްރާބަތު އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. ހާކިމް ޒިޔެކް ވަނީ ޓީމުގެ ކޯޗް ހާވޭ ރެނާޑްއާ ދެމެދު ކުރިން މައްސަލައެއް ޖެހި ޓީމުން ބާކީ ވެފަ އެވެ. ފަހުން ކޯޗާ ސުލްހަވުމުން އޭނާ އަށް ޓީމުން ފުރުސަތު ލިބުނެވެ. ތުރުކީގެ ގަލަތަސަރާއީއަށް ކުޅެމުންދާ ޔޫނުސް ބެލަހަންޑާއަކީވެސް މޮރޮކޯ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.

ކޯޗު

ފްރާންސްގެ ހާވޭ ރެނާޑް 1998 ވަނަ އަހަރު ކުޅުން ހުއްޓާލި ފަހުން ކޯޗެއްގެ ގޮތުގައި ގިނަ ތަންތަނަށް ދަތުރު ކުރި އެވެ. މޮރޮކޯގެ ކޯޗު ކަމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ޒެމްބިއާ އާއި އައިވަރީކޯސްޓަށް ކޯޗު ކޮށްދީ އެ ދެ ގައުމަށްވެސް އެފްރިކަން ކަޕްއޮފް ނޭޝަން ކާމިޔާބު ކޮށްދީފަ އެވެ. މޮރޮކޯގެ ޓީމާ ހަވާލުވެ އެ ޓީމަށް ބޮޑެތި ކުރިންއެރުންތަކެއް ހޯދައިދިނެވެ.

ވަރުގަދަ ޑިފެންސިވް ސްޓައިލްއާއެކު އެ މޮރޮކޯ ޓީމަށް ރީތި ފުޓްބޯޅަ އެއް ކުޅުމުގެ ސިފަވެސް އޭނާ ގެނެސް ދިނެވެ. އަދި ހަމަލާތައްވެސް އަވަސްކޮށް ހަލުވި ގޭމެ ޕްލޭނަކަށް މޮރޮކޯގެ ޓީމު ފައްތާލި އެވެ. އޭނާ އަތުރާލި ގޭމް ޕްލޭނުން ފޫނުބެދި އޮތްތަނަކީ ޓީމުގެ ވާތު ފަޅި އެވެ. ސެޕްޓެމްބަރު މަހު އެކަމަށް ހައްލެއް ލިބިގެން ދިޔައީ، ރެއާލް މެޑްރިޑްގެ ސީނިއާ ޓީމަށް މި އަހަރު ކުޅެން ފެށީ އުމުރުން 19 އަހަރުގެ އަޝްރަފް ހާކީމީއަށް މޮރޮކޯ ޓީމުން ޖާގަ ދިނުމުންނެވެ. އަޝްރަފް ހާކިމީއަކީ ކަނާތް ފަރާތާއި ވާތް ފަރާތަށް ވެސް ކުޅެވޭ ކުޅުންތެރިޔެކެވެ.