ވޯލްޑް ކަޕް 2018

އީރާން

Jun 12, 2018

ގޭމް ސިސްޓަމް: 4-2-3-1

މިއީ ޖެހިޖެގެން ދެ ވަނަ ފަހަރަށް އިރާނުން ވޯލްޑްކަޕްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން ވޯލްޑްކަޕްގައި ވާދަ ކުރާ ފަސް ވަނަ ފަހަރެވެ. ނަމަވެސް ވޯލްޑްކަޕުގައި އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު އިރާން ކާމިޔާބު ކުރީ 2-1 ން ނެވެ. މިފަހަރުގެ ވޯލްޑްކަޕަށް ވަރުގަދަ ބްރެޒިލްގެ ފަހަތުން ވޯލްޑްކަޕުން ދެ ވަނަ ޖާގަ ހޯދީ އިރާން އެވެ.

ކޮލިފައިވީ ގޮތް

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައި ވުމަކީ އިރާންގެ ފުޓްބޯޅައިގައި ލިބުނު ބޮޑު ކާމިޔާބެކެވެ. އޭޝިއާ ޒޯންގެ ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނީ އެ ގައުމުންނެވެ. އިރާން ވޯލްޑްކަޕަށް ކޮލިފައިވީ، އޭޝިއާގެ ޒޯންގެ ތިން ވަނަ ބުރުގައި ގުރޫޕް އެއް ވަނަ ހޯދައިގެންނެވެ. އެ ކާމިޔާބު އެ ޓީމުން ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު 10 މެޗު ވެސް ބަލި ނުވެ ފުރިހަމަ ކޮށްގެންނެވެ. ކޮލިފައިންގެ ފަހު ބުރުގައި އެ ޓީމު ކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ. މުޅި ކޮލިފައިގައި ބައިކޮޅަށް ލަނޑެއް ނުވަދެ ޖެހިޖެހިގެން 12 މެޗު ފުރިހަމަ ކުރި އެވެ.

މުހިންމު ކުޅުންތެރިން

އިރާން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ރަޝިއާ ރުބިން ކާޒަން އަށް ކުޅެމުން ގެންދާ ފޯވަޑް ސާޑަރު އަޒޫމުން އެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި އޭނާ އަކީ އިރާންގެ ފުޓްބޯޅައިގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ދާއީއަށް ފަހު އެގައުމުގައި އުފެދުނު އެންމެ މޮޅު ފޯވަޑެވެ. ސްވިޑެންގެ އޮސްޓާސުންޑަށް ކުޅެމުން އަންނަ ސްވިޑެންއަށް އުފަން ސާމަން ގޮދޫސްއަކީވެސް އިރާންގެ މުހިންމު ކުޅުންތެރިޔެކެވެ.

ކޯޗް

ސަރަހައްދުގެ އެހެން ކޯޗުންނަށް ވުރެ އިރާންގެ ކޯޗް ކާލޯސް ކުއިރޯޒްގެ ސިވީ މާބޮޑަށްވެސް ރަނގަޅު ވާނެ އެވެ. ސްޕޯޓިން ލިޒްބަންއިން ފެށިގެން ދެކުނު އެފްރިކާ އަދި ރެއާލް މެޑްރިޑްގެ ކޯޗުކަމާއި، ޔޫރަޕްގެ ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓަޑްގައި ކްއިރޯޒް ވަނީ މަސައްކަތް ކޮށްފަ އެވެ.

އޭނާ ވަނީ ތަފާތު ތިން ގައުމެއް ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފަ އެވެ. އެއީ ދެކުނު އެފްރިކާ އާއި އަދި އޭނާގެ އަމިއްލަ ގައުމު ޕޯޗުގަލް އާއި އިރާން އެވެ. އިރާންގެ ކޯޗުގެ ގޮތުގައި ހަތް އަހަރު އޭނާ ހޭދަ ކޮށްފި އެވެ. ދިގު މުއްދަތަކަށް އޭނާ ހުރެގެން އޭނާ ވަނީ އިރާންއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފަ އެވެ. އިރާންގެ ޓީމަކީ އޮގަނައިޒް ފުޓްބޯޅައެއް ކުޅޭ ޓީމެއްގެ ސިފަ އޭނާ ގެނެސްދިނެވެ. ޑިފެންސަށް ކުޅުންތެރިން ފައިބައި ޓީމު ދިފާއުކޮށް ކައުންޓަ އޭޓޭކުގައި ނުރައްކާ ކުރާ ޓީމަކަށް އިރާން ހެދި އެވެ. އިރާންގެ ކުޅުންތެރިންނަށް ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖރިބާ ހޯދުމަށް އޭނާ ވަރަށް ބޮޑަށް ބާރު އެޅި އެވެ. ކުރިއަށް އޮތް ވޯލްޑްކަޕަކީ އޭނާ އަށް މުހިންމު ޓެސްޓެކެވެ. ގެނައި ބަދަލު ތަކާއެކު އިރާނަށް ދެ ވަނަ ބުރަށް ދެވޭނެ ކަމަށް އެ ގައުމުން އުންމީދު ކުރެ އެވެ.