ގޭމް ސިސްޓަމް: 4-4-2 ނުވަތަ 4-4-3
އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަން ފްރާންސުން ހޯދި އެވެ. އޭގެ އަށް އަހަރު ފަހުން ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ފައިނަލަށް ފްރާންސް ދަތުރު ކުރި އެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެ ޓީމު ބަލިވީ އިޓަލީ އަތުންނެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި ފްރާންސަށް ދެވުނީ ކްއާޓާ ފައިނަލަށެވެ. ކްއާޓާފައިނަލުގައި އެ ޓީމު ބަލިވީ މުބާރާތުގެ ޗެމްޕިއަން ޖަރުމަން އަތުންނެވެ. އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފޭވަރިޓެއްގެ ގޮތުގައި ފްރާންސް ލޭބަލް ކުރެވުނަސް އަމިއްލަ ގައުމުގައި އެ ޓީމު ބަލިވީ ޕޯޗުގަލް އަތުންނެވެ.
ކޮލިފައިވީ ގޮތް
ފްރާންސް ވޯލްޑްކަޕަށް ކޮލިފައިވީ، ޔޫރޫ ޒޯންގެ ގުރޫޕް "އޭ" ގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން އެއްވަރުވީ އެވެ. ގުރޫޕްގެ ދެ ވަނަ އަށް ދިޔަ ސްވިޑެން އަށް ވުރެ އިތުރަށް ހަތަރު ޕޮއިންޓް ފްރާންސުން ހޯދި އެވެ. ފްރާންސް ބަލިވީ ސްވިޑެންގައި ކުޅުނު މެޗުންނެވެ. ނަމަވެސް އަމިއްލަ ގައުމުގައި ސްވިޑެން އަތުން މޮޅުވި އެވެ.
މުހިންމު ކުޅުންތެރިން
ފްރާންސް ޓީމު މިފަހަރު ވޯލްޑްކަޕަށް ދަނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގަ އެވެ. މަޝްހޫރު ޒައިނުއްދީން ޒިދާން އާއި ތިއޮރީ އޮންރީ އާއި ވިލިއަމް ތުރާމްގެ ދުވަސްތަކަށް ފަހު، ވޯލްޑްކަޕުގައި ފޭވެރިޓެއްގެ ދަރަޖަ ފްރާންސަށް ލިބިއްޖެ އެވެ. އެންމެ މުހިންމު ސަބަބަކީ ފްރާންސްގައި ތަރިންގެ ސްކޮޑެއް އޮތުމެވެ. އެ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު ކުޅުންތެރިޔަކީ އެތުލެޓިކޯ މެޑްރިޑްގެ އެންޓްއާން ގްރީޒްމަން އެވެ. އޭނާ ވަނީ ދެހާސް ސޯޅަ ވަނަ އަހަރު ދުނިޔޭޣެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ފަހަތުން ތިން ވަނަ ހޯދާފަ އެވެ. އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ އޭނާ ދަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް މި ސީޒަންގައި އޭނާ ދެއްކި މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރަން ޖެހެ އެވެ.
![](https://images-01.avas.mv/post/big_AFLoIuJv3mdBd8GjDmYYl2fMo.jpg)
ގްރީޒްމަންއަށް ފަހު ފްރާންސްގެ ސްކޮޑުން ދެން ނެގޭނެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ މެންޗެސްޓާ ޔުނައިޓަޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ. އޭނާ އަކީ ފްރާންސް ޓީމުގެ މެދުތެރޭގައި މުހިންމު އެއް ތަނބެވެ. އަނެއް ކުޅުންތެރިޔަކަށް ވާނީ ޗެލްސީގެ އެންގޯލާ ކަންޓޭ އެވެ. މިދެ މިޑްފީލްޑަރުންގެ ތެރެއަށް މޮނަކޯގެ ތޯމަސް ލޭމާ ލުމުން ޓެކްނިކަލީ އެވަރުގެ މުއްސަނދި ދެވަނަ މިޑްފީލްޑްލައިނެއް ޔޫރަޕުން ނުފެންނާނެއެވެ.
ގްރީޒްމަން އާއެކު ފޯވަޑްލައިންގައި ޒުވާން ފޯވަޑް ޕީއެސްޖީގެ ކިލިޔަން އެމްބަޕޭ އާއި ބާސެލޯނާގެ އުސްމާން ޑެމްބެލޭ އަކީވެސް އެޓޭކިންގެ އެންމެ މުހިންމު ކުޅުންތެރިންނެވެ. ޑިފެންސްގައި ރެއާލް މެޑްރިޑްގެ ޑިފެންޑާ ރަފޭލް ވެރާން އާއި މެންޗެސްޓާ ސިޓީގެ ބެންޖަމިން އަކީ ވެސް ވަރުގަދަ ނަންތަކެވެ.
ކޯޗް
ޑިޑިއޭ ޑެޝަމްޕްސް އަކީ ފްރާންސަށް 1998ގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ހޯދައިދިން ކެޕްޓަނެވެ. އޭނާ ވަނީ ގައުމީ ޓީމަށް 103 މެޗު ކުޅެފަ އެވެ. ފްރާންސްގެ ގައުމީ ކޯޗު ކަމާ އޭނާ ހަވަލުވީ، ޖުލައި 2012 ގައެވެ. ޓީމާ ހަވާލުވެ، ކުރިން މިޑްފީލްޑަރަކަށް ކުޅުނު ޑެޝަމްޕްސް ވަނީ ފާރާންސްގައި ވާދަވެރި ސްކޮޑެއް އެކުލަވާލާފަ އެވެ. ނަމަވެސް އޭނާ އަށް ތައްޓަކާ ހަމަޔަށް އަދި މިހާތަނަށް ވާސިލު ވެފައެއް ނުވެ އެވެ. ތައްޓާކާ އެންމެ ގާތްކުރީ 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފައިނަލަށް ގެންދެވުމުންނެވެ. ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވީ އެކްސްޓްރާ ޓައިމްގައެވެ.
![](https://images-01.avas.mv/post/big_UEu8a1wL1hpM2FZMBo4O6dWH3.jpg)
ފްރާންސްގެ ސްކޮޑަކީ މަޝްހޫރު ތަރިން ގިނަ ވާދަވެރި ޓީމެއް ކަމުގައި ވީނަމަވެސް، ފްރާންސަކީ މުބާރާތުގެ ފޭވަރިޓެއް ކަމުގައި ޑެޝަމްޕްސް ނުހިމަނަ އެވެ. އޭނާ ބުނީ ޖަރުމަން އާއި ސްޕެއިން އަދި ބްރެޒިލްއާ އެއް ހަމަޔަށް ފްރާންސަށް ނުދެވޭ ކަމަށެވެ. އެހެންވެ ޓާގެޓެއްގެ ގޮތުގައި އޭނާ ކަނޑައަޅާފައި ވަނީ އެންމެ ކުޑަމިނުން މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށެވެ.