ވޯލްޑް ކަޕް 2018

އޮސްޓްރޭލިއާ

Jun 12, 2018

ގޭމް ސިސްޓަމް: 3-4-1-2

ވޯލްޑްކަޕުގެ ޖާގަ ހޯދަން ފެށި ދަތުރުގައި އެންމެ ދިގު ރާސްތާއެއް ފުރިހަމަ ކުރި ގައުމަކަށް ވަނީ އޮސްޓްރޭލިއާ އެވެ. އަދި ކޮލިފައިންގެ އަވޭ ގޭމް ކުޅެން އެންމެ ދުރު ހިސާބުތަކަށް ދަތުރު ކުރަން ޖެހުނު ގައުމަކަށްވެސް އޮސްޓްރޭލިއާ ވާނެ އެވެ. ކޮލިފައިންގައި އެ ޓީމުން ވަނީ އެ ގައުމާ ދުރު ހިސާބުތައް ކަމަށްވާ، ސައުދީ އަރަބިއްޔާ، އިރާން، ބަންގުލަދޭޝް އަދި ހޮންޑޫރަސް ފަދަ ދުރު ގައުމުތަކަށް ދަތުރު ކޮށްފަ އެވެ.

މިއީ އޮސްޓްރޭލިއާ ވޯލްޑްކަޕުގައި ޖެހިޖެހިގެން ވާދަ ކުރާ ހަތަރު ވަނަ ފަހަރެވެ. އަދި އެ ޓީމުގެ ފަސް ވަނަ ފަހަރެވެ. ވޯލްޑްކަޕުގައި އޮސްޓްރޭލިއާ އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ 2006 ވަނަ އަހަރު ޖަރުމަންގައި ބޭއްވި ވޯލްޑްކަޕުގައެވެ. އެފަހަރު އެ ޓީމު ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ އެ އަހަރުގެ ޗެމްޕިއަން އިޓަލީ އަތުން 1-0 ންނެވެ. އޮސްޓްރޭލިއާ އަކީ އޭއެފްސީގެ މެންބަރެކެވެ. އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި އެވެ.

ކޮލިފައިވީ ގޮތް

އޭއެފްސީއަށް އައުމަށް ފަހު ގިނަ ބަޔަކު ހީކުރީ އޭޝިއާގެ ވަރުގަދަ ބާރަކަށް އޮސްޓްރޭލިއާ ވާނެ ކަމަށެވެ. ނަމަވެސް އޭޝިއާ ކޮލިފައިން ޒޯނުން ވޯލްޑްކަޕުގެ ސީދާ ޖާގައެއް އެ ޓީމަށް ނުލިބުނެވެ. އޭޝިއާ ޒޯން ކޮލިފައިންގެ ތިން ވަނަ ބުރުގައި އޮސްޓްރޭލިއާ ދިޔައީ ގުރޫޕް "ބީ" ގެ ތިން ވަނަ އަށެވެ. ގުރޫޕްގެ ދެވަނަ މަގާމު ހޯދި ސައުދީ އަރަބިއްޔާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރި އެވެ. ދެ ޓީމަށްވެސް 19 ޕޮއިންޓެވެ. ނަމަވެސް އޮސްޓްރޭލިއާ ތިން ވަނައިގައި ނިންމާލަން ޖެހުނީ ސައުދީ އަރަބިއްޔާއަށް ވުރެ ފައިދާ ދެ ގޯލް ފަހަތުގައި އޮތުމުންނެވެ.

ގުރޫޕްގެ ތިން ވަނަ ހޯދުމުން، ދެ ން އެޓީމު ވާދަ ކުރީ ގުރޫޕް "އޭ" ގެ ތިން ވަނަ ހޯދި ސީރިއާ ދެކޮޅަށެވެ. ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗު އަމިއްލަ ދަނޑުގައި ކުޅެ އޮސްޓްރޭލިއާއިން ކާމިޔާބު ހޯދި އެވެ. ނަމަވެސް އޭރުވެސް ވޯލްޑްކަޕުގެ ޖާގަ ޔަގީން ނުވެ އެވެ. އޭޝިއާ ބުރުގެ ޕްލޭއޮފްގައި ސީރިއާ ބަލިކުރުމުން އެ ޓީމު ދެން ވާދަ ކުރީ އިންޓަ ކޮންޓިނެންޓް ޕްލޭއޮފް ބުރުގައި އުތުރު އެމެރިކާ އަދި ކެރީބިއަން ސަރހައްދުން ހަތަރު ވަނަ ހޯދި ހޮންޑޫރަސް އާ ދެކޮޅަށެވެ. ހޮންޑޫރަސްގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. އޮސްޓްރޭލިއާ ވޯލްޑްކަޕުގެ ޖާގަ ޔަގީން ކުރީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގް މެޗު ހޮންޑޫރަސްގެ މައްޗަށް 3-1 ން ކާމިޔާބު ހޯދައިގެންނެވެ.

މުހިންމު ކުޅުންތެރިން

އޮސްޓްރޭލިއާ ޓީމުގައި އަދިވެސް އެންމެ މުހިންމު ކުޅުންތެރިޔަކީ، އެވަޓަންގެ ކުރީގެ އެޓޭކިން މިޑްފީލްޑާ ޓިމް ކޭހިލް އެވެ. މިހާރު އޭނާ އަށް 38 އަހަރެވެ. ނަމަވެސް އޮސްޓްރޭލިއާ ޓީމުގައި އޭނާގެ ވިދުން އަދިވެސް ގަދަ އެވެ. ކޮލިފައިންގައި އޭނާ ވަނީ 11 ލަނޑު ޖަހާފަ އެވެ. އޭޝިއާގެ ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗުގައި ސީރިއާގެ މައްޗަށް އޮސްޓްރޭލިއާ މޮޅު ކޮށްދިން ދެ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ.

ކޭހިލްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގްގެ ހަޑާސްފީލްޑް ޓައުން އަށް ކުޅެމުންގެންދާ އާރޮން މޫއީ އާއި ސްލްޓިކަށް ކުޅެމުންގެންދާ ޓޮމް ރޮޖިކް އަކީ ހަމަލާ އުފައްދަން އެހީތެރިވެ ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކުޅުންތެރިންނެވެ. އޮސްޓްރޭލިއާ ޓީމުގައި އިނގިރޭސި ޕްރިމިއާ ލީގްގެ ހުނަރު އެބައޮތެވެ. ޓީމުގެ ގޯލްކީޕަރަކީ ބްރައިޓޮން ހޯވް އެލްބިއަންގެ މެތިއު ރަޔަން އެވެ. ބޯން މައުތުގެ ދެ ކުޅުންތެރިން ކަމަށްވާ، ޑިފެންޑަރު ބްރެޑް ސްމިތު އަދި ގޯލްކީޕަރު އެޑަމް ފެޑެރިޗީ އަކީ ޕްރިމިއާ ލީގް ކުޅުންތެރިންނެވެ.

ކޯޗް

އޮސްޓްރޭލިއާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ، ގްރީސްއަށް އުފަން އޮސްޓްރޭލިއާގެ އޭންޖް ޕޯސްޓެކޮގުލޫ އެވެ. ވޯލްޑްކަޕަށް ޓީމު ކޮލިފައި ކޮށްދިނުމަށްފަހު އޭގެ ހަ ދުވަސް ފަހުން އޭނާ އިސްތިއުފާ ދިނެވެ. އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕުގެ ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް ހޯދައިދިނެވެ. އޭނާ އިސްތިއުފާ ދިނުމުން އޮސްޓްރޭލިއާގެ ކޯޗަކަށް އެގައުމުން ހަމަޖެއްސީ، 2010 ވަނަ އަހަރުގެ ފައިނަލަށް ހޮލެންޑް ގެންގޮސްދިން ބާޓް ވެން މާވިކް އެވެ.

އޭޝިއާ ޒޯންގެ ވޯލްޑްކަޕު ކޮލިފައިންގައި އޮސްޓްރޭލިއާ ފަހަތަށް ޖައްސާލުމަށްފަހު ސައުދީ އަރަބިއްޔާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ އޭނާ އެވެ. ސައުދީ އަރަބިއްޔާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިން ނަމަވެސް އޭނާ އާއެކު ކުރިއަށްދާން ސައުދީ އަރަބިއްޔާއަށް އެއްބަސް ނުވެވުނީ އޭނާ އަށް ސައުދީ އަރަބިއްޔާގައި ހުރެވެން ނެތުމުންނެވެ. އޮސްޓްރޭލިއާގެ ކޯޗު ކަމާ އޭނާ ހަވާލުވީ މި އަހަރު ޖަނަވަރީ 23 ވަނަ ދުވަހު އެވެ.