ވޯލްޑް ކަޕް 2018

ޕެރޫ

ގޭމް ސިސްޓަމް: 4-2-3-1

ދެކުނު އެމެރިކާ ބައްރުން ފަސް ވަނަ މަގާމު ލިބޭނެ ކަމަށް ގިނަ ބަޔަކު ހީކުރީ، އެ ބައްރުގެ ޗެމްޕިއަން ޗިލީ އަށް ކަމަށެވެ. ނަމަވެސް މަޝްހޫރު ކުޅުންތެރިން ގިނަ ޗިލީ އަށް ލިބުނީ ހަ ވަނަ އެވެ. ފަސް ވަނަ މގާމު ހޯދައި ޕްލޭއޮފްގެ ޖާގަ ހޯދީ ޕެރޫ އެވެ. ޕެރޫ ވޯލްޑްކަޕުގައި ވާދަ ކުރަން ފުރުސަތު ލިބުނީ 36 އަހަރު ފަހުންނެވެ. އެންމެ ފަހުން އެ ޓީމު ވޯލްޑްކަޕުގައި ވާދަ ކުރީ ސްޕެއިންގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ. ވޯލްޑްކަޕުގައި ޕެރޫގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ، މެކްސިކޯ ގައި 1970 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އެމުބާރާތުގެ ކްއާޓާ ފައިނަލަށް ޕެރޫ ދަތުރު ކުރި އެވެ. ކްއާޓާ ފައިނަލުގައި އެ ޓީމު ބަލިވީ އެފަހަރުގެ ޗެމްޕިއަން ބްރެޒިލް އަތުންނެވެ.

ކޮލިފައިވީ ގޮތް

ދެކުނު އެމެރިކާގެ ޕްލޭއޮފް ބުރުގައި. ޕެރޫ އާއި ޗިލީއަށްވެސް ލިބުނީ 26 ޕޮއިންޓެވެ. ޗިލީ އަށް ފުރުސަތު ގެއްލުނީ އެ ޓީމު އަތުގައި ފައިދާ އެންމެ ގޯލެއްވެސް ނެތުމުންނެވެ. ޕެރޫ ސަލާމަތްވީ އެ ޓީމު އަތުގައި އޮތް ފައިދާ އެންމެ ގޯލަކުންނެވެ. ދެކުނު އެމެރިކާގެ ފަސް ވަނަ ޓީމަށް ޖެހޭނީ އިންޓަ ކޮންޓިނެންޓް ޕްލޭއޮފް ބުރުގައި އޯޝޭނިއާގެ އެއް ވަނަ އަށް ދާ ޓީމާ ވާދަ ކުރާށެވެ. ޕްލޭއޮފް ބުރުގައި ޕެރޫއާ އާ ވާދަ ކުރީ އޯޝޭނިއާގެ އެއް ވަނަ ނިއުޒިލޭންޑެވެ. ވޯލްޑްކަޕުގެ އެންމެ ފަހު ޖާގަ ޕެރޫ ކަށަވަރު ކުރީ ޕްލޭއޮފް ދެވަނަ ލެގް މެޗުގައި ނިއުޒިލޭންޑް 2-0 ން ބަލި ކޮށްގެންނެވެ.

މުހިންމު ކުޅުންތެރިން

ޕެރޫ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ވިންގާ ޖެފާސަން ފާފަން އެވެ. އޭނާ ވަނީ، ޕެރޫ ޓީމަށް ކުޅުނު 79 މެޗުގައި 23 ލަނޑު ޖަހާފަ އެވެ. އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ މަޝްހޫރު ވެފައިވަނީ ސްޕީޑް ހަލުވި ކުޅުންތެރިތެއްގެ ގޮތުގަ އެވެ. ކޮލިފައިގައި އޭނާ ވަނީ ހަތަރު މެޗުގައި ތިން ލަނޑު ޖަހާފަ އެވެ. އޭގެ ތެރޭގައި ވޯލްޑްކަޕު ޖާގަ ހޯދި މެޗުގައި ނިއުޒިލޭންޑް ކޮޅަށް ކާމިޔާބު ކުރި ލަނޑުވެސް ހިމެނެއެވެ.

ޖެފާސަން ފާފަންއަސް ފަހު ޕެރޫ ޓީމުން ދެން ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ، ޓީމުގެ ކެޕްޓަން ޕައޮލޯ ގުއެރޭރޯ އެވެ. އޭނާ އެނބުރި ޓީމަށް އަންނަނީ ފީފާއިން އޭނާ އާ ދެކޮޅަށް އެޅި 14 މެޗުގެ ސަސްޕެންޝަންގެ އަދަބު އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓުން އިސްތިއުނާފު ކޮށްދިނުމުންނެވެ. އޭނާ އާ ދެކޮޅަށް ސަސްޕެންޝަންގެ އަދަބު ދިނީ މަނާ ބޭހެއް ބޭނުން ކުރިކަން ސާބިތު ވުމުންނެވެ. އޭނާ ޓީމަށް އެނބުރި އައުމަކީ ކޯޗް ރިކާޑޯ ގަރީކާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އޭނާ އެވެ. ޕެރޫ ޓީމުން ފާހަގަ ކުރެވޭނެ އަނެއް ކުޅުންތެރިޔަކީ ބެންފީކާގެ ލޯން އެއްބަސްވުމުގެ ދަށުން ލޯން އުސޫލުން އިނގިރޭސި ޕްރިމިއާ ލީގްގެ ވަޓްފޯޑަށް ކުޅެމުންގެންދާ އަންޑްރޭ ކަރިއްޔޯ އެވެ. އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް 34 މެޗުގައި ކުޅެފަ އެވެ.

ކޯޗް

އާޖެންޓީނާގެ ރިކޯޑޯ ގަރީކާ ޕެރޫގެ ކޯޗު ކަމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 20 ފަހަރު ކުޅެފަ އެވެ. އަދި ކޯޗިންގައި 20 އަހަރު އޭނާ ހޭދަ ކުރި އެވެ. "ދަ ޓައިގާ"ގެ ނަމުން މަޝްހޫރު ވެފައިވާ ގަރީކާ، ޕެރޫގެ ޓީމުގައި ކުރިން އޮތް ސްޓައިލް ގެނެސްދިނެވެ.

ކުރު ޕާސްތަކެއް ޖަހައިގެން ގިނައިރު އަމިއްލަ ޓީމުގެ ކޮންޓްރޯލުގައި ބޯޅަ ހިފަހައްޓާ ގޭމް ސްޓައިލެއް ޕެރޫގެ ޓީމަށް އޭނާ އަލުން ގެނެސްދިނެވެ. އާ ޒުވާން ކުޅުންތެރިން ޓީމަށް ގެނެސް އެ ކުޅުންތެރިންނަކީ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން ކަމުގައި ހެދިއެވެ. ޕެރޫ ޓީމުގެ ކުޅުންތެރިން ނަފުސާނީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަށް ޓީމަށް ސައިކޮލަޖިސްޓެއް ގަރީކާ ހޯދި އެވެ. އަދި އެއީ އޭނާގެ ކޯޗިން ފިލޯސަފީގައި ހިމެނޭ ކަމަކަށް ހެދި އެވެ.