ގޭމް ސިސްޓަމް: 4-3-3
މިއީ ޑެންމާކުގެ ވޯލްޑްކަޕުގައި ވާދަ ކުރާ ފަސް ވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ވޯލްޑްކަޕަށް ކޮލިފައިވީ 2010 ވަނައަހރު އެވެ. މުބާރާތުގެ ތާރީހްގައި އެ ޓީމުގެ އެންމެ ރަނގަޅު ރެކޮޑެއް އޮތީ ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި މުބާރާޓުގައެވެ. އެ ފަހަރު މުބާރާތުގެ ކްއާޓާ ފައިނަލަށް އެ ޓީމުން ދަތުރު ކުރި އެވެ. ޔޫރަޕްގެ ފުޓްބޯޅާއިގައި އާދައިގެ ޓީމުތައް ކަމަށް ބަލާ ގައުމުތަކުގެ ތެރެއިން ފުޓްބޯޅައިގައި އެންމެ ބާރަށް ކުރި އަރަމުން އަންނަ ގައުމަކީ ޑެންމާކެވެ. ޔޫރޯ ޒޯންގެ ގުރޫޕް "އީ" ގެ ކޮލިފައިންގެ 2016 ވަނަ އަހަރު ޖެހިޖެހިގެން ދެ މެޗުގައި ޕޮލެންޑާއި މޮންޓަނީގުރޯ އަތުން ބަލިވި ފަހުން ބަލިނުވެ 11 މެޗު ޑެންމާކުން ފުރިހަމަ ކުރި އެވެ. އޭގެ ތެރޭގައި ގުރޫޕްގެ އެއް ވަނަ ހޯދި ޕޮލެންޑްގެ މައްޗަށް 4-0 ން ހޯދި މޮޅުވެސް ފާހަގަ ކުރަން ޖެހެ އެވެ.
ކޮލިފައިވީ ގޮތް
ކޮލިފައިންގައި ގުރޫޕްގެ ދެ ވަނަ ލިބުމުން، ޑެންމާކު ޖެހުނީ ޕްލޭއޮފް ބުރަށް ދާށެވެ. ގުރޫޕްގެ އެއް ވަނަ ޕޮލެންޑް ހޯދީ ފަސް ޕޮއިންޓްގެ ކީޑާކާއެކު އެވެ. އެ ޓީމަށް 25 ޕޮއިންޓެވެ. ޑެންމާކަށް ހޯދުނީ 20 ޕޮއިންޓެވެ. ޕްލޭއޮފްގައި އެ ޓީމުން ވާދަ ކުރީ ރިޕަބްލިކް އަޔަލެންޑާ ދެކޮޅަށެވެ. ޑެންމާކު ވޯލްޑްކަޕުގެ ޖާގަ ހޯދީ އަޔަލޭންޑްގެ ދަނޑުގައި އެޓީމު 5-1 ން ބަލިކޮށްގެންނެވެ.
މުހިންމު ކުޅުންތެރިން
ޑެންމާކުގައި އެފެދުނު އެންމެ މަޝްހޫރު ކުޅުންތެރިޔަކަށް ވާނީ، ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުނު މައިކަލް ލޯޑުރޫޕް އެވެ. ޑެންމާކު ޓީމުގެ މިހާރުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޓޮޓެންހަމް ހޮސްޕާގެ އެޓޭކިން މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން އެވެ. ކޮލިފައިންގައި އޭނާ ދެއްކި ކުޅުމުން ގިނަ ބަޔަކު ސިފަ ކުރީ މައިކަލް ލޯޑުރޫޕް އާ އެއް ހިސާބަކަށް އެރިކްސަން ދަތުރު ކޮށްފި ކަމަށެވެ.
އޭނާ ވަނީ 12 މެޗުގައި 11 ލަނޑު ޖަހާފަ އެވެ. ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި އޭނާ ވަނީ 18 ގޯލް ޖަހާފަ އެވެ. އެރިކްސަން އަށްފަހު، ޑެންމާކު ޓީމުން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ލެސްޓާ ސިޓީގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް އެވެ. ޗެލެސީގެ ޒުވާން ޑިފެންޑަރު އެންޑްރޭސް ކްރިސްޓެންސެން އަކީވެސް ޑެންމާކު ޓީމުން ފާހަގަ ކުރެވޭ ކުޅުންތެރިޔެކެވެ.
ކޯޗް
ނޯވޭގެ އޭގް ހާރެއިޑޭ ޑެންމާކު ޓީމުގެ ކޯޗު ކަމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން ހުރި ކޯޗު މާޓެން އޮލްސަން އަށް ޑެންމާކު ޔޫރޯއަށް ކޮލިފައި ކޮށްދިނުމުގައި ނާކާމިޔާބު ވުމުން އޭނާ އަށް ވަޒީފާ ގެއްލުނެވެ. ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު އާގް ހާރެއިޑޭ ވަނީ ކޯޗެއްގެ ގޮތުގައި ސްވިޑެންގެ ލީގާއި ޑެންމާކުގެ ލީގް އަދި ނޯވޭގެ ލީގް ކާމިޔާބު ކޮށްފަ އެވެ.
ޑެންމާކުގެ ކޯޗު ކަމާ ހާރެއިޑޭ ހަވާލުވިއރު އެ ޓީމުން ކުޅެމުން ދަނީ ޑައިރެކްޓް ފުޓްބޯޅައެކެވެ. އެ ސިސްޓަމް ބަދަލު ކުރަށް ހާރެއިޑޭއަށް ވަގުތު ނެގި އެވެ. ޓީމުގެ ކުޅުމުގެ ސްޓައިލަށް އޭނާ ގެނައި ބަދަލާ ގުޅިގެން މިޑްފީލްޑްގެ ދައުރު ބޮޑުވި އެވެ. ޑެންމާކުގެ މިޑްފީލްޑް ލައިންގައި ޖަރުމަންގެ ވާޑާބްރޭމަން އަށް ކުޅެމުންގެންދާ ތޯމަސް ޑިލޭނީވީ ހާރެއިޑޭގެ ގޭމް ޕްލޭންގެ މުހިންމު ކުޅުންތެރިޔަކަށެވެ.