ގޭމް ސިސްޓަމް: 3-4-3
އާޖެންޓީނާ ވަނީ ވޯލްޑްކަޕު ދެފަހަރަށް ކާމިޔާބު ކޮށްފަ އެވެ. އެއީ އަމިއްލަ ގައުމުގައި 1978 ވަނަ އަހަރު ބޭއްވި މުބާރާތާއި، މަޝްހޫރު ޑިއޭގޯ މެރަޑޯނާގެ ރަން ދުވަސް ވަރު އޭނާ އާޖެންޓިނާ އަށް ހޯދައިން މެކްސިކޯގައި 1986 ވަނަ ގެ މުބާރާތެވެ. އާޖެންޓީނާގެ މިހާރުގެ ސްޕަ ސްޓާ ލިއޮނަލް މެސީ އަށް އާޖެންޓީނާއަށް މުބާރާތް ކާމިޔާބު ކޮށްދެވިފަ އެއް ނުވެ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ތައްޓާ ވަރަށް ގާތަށް މެސީ އާޖެންޓީނާ ގެންގޮސް ދިނެވެ. ނަމަވެސް ފައިނަލުގައި އެ ޓީމު ބަލިވީ ޖަރުމަން އަތުން 1-0 ންނެވެ. އޭގެ ކުރިންވެސް އާޖެންޓީނާ ވަނީ ދެ ފަހަރަށް ފައިނަލުގައި ކުޅެފަ އެވެ. އެއީ 1930 އަދި 1990 ގަ އެވެ. މިއަހަރުގެ ވޯލްޑްކަޕަކީ މެސީއަށް އަނެއްކާވެސް ލިބޭ ފުރުސަތެކެވެ. މިދިޔަ ސީޒަންގައި އޭނާ ފެންނަނީ ތަފާތު ރޫހެއްގަ އެވެ.
ކޮލިފައިވީ ގަޮތް
ކޮލިފައިންގެ ޖާގަ އާޖެންޓީނާ ކަށަވަރު ކުރީ ކޮލިފައިންގައި އެޓީމު ކުޅުނު އެންމެ ފަހު މެޗުގައެވެ. ކޮލިފައިންގައި އެ ޓީމަށް ނާކާމިޔާބު ވެދާނެ ކަމުގެ ބިރު ކުރިމަތިވި އެވެ. އެއީ ކޮލިފައިންގެ ފަހު މެޗަށް ނިކުތް އިރުވެސް އެ ތީމު އޮތރީ ތާވަލުގެ ހަ ވަނައިގަ އެވެ. ކޮލިފައިންގައި ފަހު މެޗުގައި އެ ޓީމު ނިކުތީ އެކްއެޑޯއާ ދެކޮޅަށެވެ. އެ މެޗު 3-1 ން ކާމިޔާބު ކޮށް ގުރޫޕްގެ ތިން ވަނައިގައި އާޖެންޓީނާ ވޯލްޑްކަޕުގެ ޖާގަ ހޯދި އެވެ. އެއް ވަނައިގައި އޮތް ވާދަވެރި ބްރެޒިލް އާ ދެމެދު 13 ޕޮއިންޓްގެ ބޮޑު ފަރަގެއް އޮތެވެ.
މުހިންމު ކުޅުންތެރިން
އާޖެންޓީނާގެ ޓީމު އުފުލަނީ މެސީގެ ބުރަކަށީގައި ކަމަށް ދުނިޔޭގެ މީޑިއާތަކުން ސިފަ ކުރެ އެވެ. އޭނާ އަކީ އާޖެންޓީނާގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު އޭނާ ވަނީ ހޯދާފަ އެވެ. އާޖެންޓީނާ އެންމެ އުނދަގޫ ހާލަތުގައި އަރައިގަންނަނީ މެސީގެ އެހީއާއެކު އެވެ. ވޯލްޑްކަޕުގެ ޖާގަ އެ ޓީމަށް ގެއްލިދާނެ ކަމުގެ ބީރު ހީވެފައި ވަނިކޮށް ކޮލިފައިންގެ އެންމެ ފަހު މެޗު ކާމިޔާބު ކޮށް، އާޖެންޓީނާ ވޯލްޑްކަޕަށް ގެންގޮސް ދިނީ މެސީގެ ހެޓްރިކުންނެވެ. އެހެންވެ އާޖެންޓީނާ އުފުލަނީ އޭނާގެ ބުރަކަށިމަތީގައި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
މިފަހަރުގެ މުބާރާތަކީ، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނަށް އެންމެ ފަހު ވޯލްޑްކަޕަށްވުން އެކަށީގެން ވެއެވެ. ޔުވެންޓަސްގެ ސްޓައިކަރު ގޮންޒާލޯ ހިގުއައިން އާއި ޕީއެސްޖީގެ އޭންހަލް ޑީމާރިއާގެ އެންމެ ފަހު ވޯލްޑްކަޕަށް ވުން އެކަށީގެންވެ އެވެ. ޔޫރަޕްގެ ލީގްތަކުގައި ކުޅެމުންގެންދާ އެންމެ ވަރުގަދަ ދެ ސްޓައިކަރުން ތިބީ އާޖެންޓީނާ ޓީމުގަ އެވެ. ހިގުއައިން އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ ކުން އަގުއޭރޯ އެވެ. އާޖެންޓީނާ ޓީމުގެ ސްޓްރައިކިން ފޯމް މައި ދެ ކުޅުންތެރިންނަށް ވާނީ އެ ދެ ކުޅުންތެރިންނެވެ. މިއީ އުމުރުގެ ގޮތުން ދޮށީ ކުޅުންތެރިންނެވެ. ޒުވާން ކުޅުންތެރިޔާ ޕައުލޯ ޑިބާލާއަކީ އާޖެންޓީނާގެ ޓީމުގައި ކުރިމަގުގައި އޮތް ކުޅުންތެރިޔެކެވެ. މެސީ ސްޓައިކަރުންނަށް ބޯޅަ ތަނަވަސް ކޮށްދިނުމުގައި ޑިބާލާއަށްވެސް މުހިންމު ރޯލެއް އޮންނާނެ އެވެ. އާޖެންޓީނާގެ ސްކޮޑު އެކުލަވާލިއިރު އެންމެ ހައިރާން ކުރުވަނިވި ކަމަކަށްވީ އިޓާލިއަން ލީގްގެ ޓޮޕް ސްކޯރާ އިންޓަ މިލާންގެ ކެޕްޓަން މައުރޯ އިކާޑީއަށް ޓީމުން ފުރުސަތު ނުލިބުމުންނެވެ.
ކޯޗު
ހޯޖޭ ސަމްޕައޮލީ އޭނާގެ އަމިއްލަ ގައުމުގެ ކޯޗު ކަމާ ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ކޮލިފައިންގައި ކުރިން ހުރި ކޯޗު އެޑްގާޑޯ ބައުސާއާއެކު ނަތީޖާތައް ރަނގަޅު ނުވުމުން، ކުރިމަތިވި ފާޑިކުޔުންތަކާއެކު އޭނާ އަމިއްލައަށް ވަޒީފާ ދޫކޮށްލި އެވެ. ސަމްޕޮއޮލީ ވަނީ 2015 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތް އާޖެންޓީނާ އާ ދެކޮޅަށް ޗިލީއަށް ހޯދައިދީފަ އެވެ
އާޖެންޓީނާގެ ކޯޗު ކަމާ ހަވާލުވުމުގެ ކުރިން އޭނާ ހުރީ ސެވިއްޔާގެ ކޯޗުގެ މަގާމުގަ އެވެ. އެ ޓީމާއެކު ސޮއި ކުރި ދެ އަހަރުގެ ކޮންޓްރެކްޓް ހަމަނުވަނީސް އޭނާ އަމިއްލަ ގައުމުގެ ގައުމީ ޓީމާ ހަވާލުވީ ޓީމުގެ މުހިންމު ކުޅުންތެރިންގެ އެދުމުގެ މަތިންނެވެ. ކެޕްޓަން ލިއޮނަލް މެސީވެސް އޭނާގެ ގާތުން އެދުނު ކަމަށް މީޑިއާ ރިޕޯޓްތައް އޭރު ބުނެފައި ވެއެވެ. އާޖެންޓީނާއިން ވަނީ ސަމްޕޮއޮލީ އަށް ކޯޗުކަން ހުށަހެޅުމުގެ ކުރިން، ޔޫރަޕްގައި ފާހަގަ ކުރެވޭ އެ ގައުމުގެ ދެ ކޯޗުން ކަމަށްވާ، އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ސިމިއޯނޭ އާއި ޓޮޓެންހަމް ހޮސްޕާގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯއަށްވެސް ހުށަހަޅާފަ އެވެ.