ރޯދަ މަހުގެ ހަވީރު ވެގެން އަންނައިރު މިކަހަލަ އެތައް ކަމެއް ފެނެ އެވެ. ހަވީރު ގަޑީގައި ބައެއް މީހުން ދަނީ ގުޑި އަރުވާށެވެ. އަނެއް ބަޔަކު ކުރާ ކަމަކީ ޑްރޯން އުދުއްސުމެވެ. މަސް ބޭނުމަކީ ވެސް ރޯދަ " ކުރުކުރަން" ކުރާ ކަމެކެވެ. މިކަމުގައި ހަރަކާތްތެރިވާ މީހުން ހަވީރު ވެގެން ދާއިރު، މާލޭ ތޮށިގަނޑުމަތީގައި ތިބެ ދޮށި އުކާނެ އެވެ.
"މަސް ބާނަނީ ފޫހި ފިލުވަން. ކޮންމެހެން ބޮޑު މަހެއް ގަންނާނެ ކަމަކަށް ނޫން،" މަސްވެރިންގެ ޕާކު ތޮށިގަނޑު މަތީ ދޮށި ހިފައިގެން އިއްޔެ ހަވީރު ހުރި އަބްދުﷲ ހަމީދު ބުނީ މިހެންނެވެ.
މާލޭގެ ވަށައިގެން ދުއްވާލާއިރު އެންމެ ގިނަ މީހުން ދޮށި އުކަން ތިބޭ އެއް ތަނަކަށް ފެނުނީ ވެސްޓް ޕާކާ ދިމާ ދޮށި މައްޗަށެވެ. އެކަމަކު މި ސަރަހައްދުގައި ތިބޭ މީހުންނާ މަސްވެރިންގެ ޕާކު ސަރަހައްދުގައި މަސް ބާނާ މީހުންނާ ވަރަށް ތަފާތެވެ. ހުނަރުގެ ގޮތުންނާއި މަސް ބޭނުމަށް ގެންގުޅޭ އުކުޅުތަކުގެ ފަރަގު ވެސް ބޮޑެވެ.
"އެންމެ ރަނގަޅަނީ މަސް މާރުކޭޓާ ދިމާ ދޮށިގަނޑު މައްޗާއި ވެސްޓް ޕާކު ސަރަހައްދު. ފަތިހު ގަޑީގައި ވެސްޓް ޕާކާ ދިމާ ތޮށިގަނޑު މަތިން ލައްޓި ވެސް ބާނާ،" ވެސްޓް ޕާކާ ދިމާލުގައި ދޮށި އުކަން ދާ މީހަކު ބުންޏެވެ.
ރޯދަ މަހު ތޮށިގަނޑު މަތީގައި ދޮށި އުކައިގެން ކުރާ މި މަސްވެރިކަމުގައި އާއިލާގެ ބައިވެރިވުން ވެސް ކުޑައެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ހަވީރު ކުދިވެރިން ގޮވައިގެން ބައްޕައިން ތިބެނީ ތޮށިގަނޑު މަތީގަ އެވެ. މަހެއް ނުބޭނުނަސް ދަރިފުޅު ގޮވައިގެން ދޮށިއުކަން ދިއުމަކީ ބައްޕައިންގެ އުފަލެއް ކަމަށް ދެކެ އެވެ. އަދި މި ކަމަކީ ކުދިންނަށްވެސް ލިބޭ ހިތްހަމަ ޖެހުމެކެވެ.
ރޯދަ މަހު ރޯދަ ހަވީރު ކޮންމެ ކަމެއް ކުރިޔަސް "މަންޒަރު ބަލަން" މީހުންދެ އެވެ. މިގޮތަށް ދޮށިއުކާ މަންޒަރު ބަލަން ވެސް އެތައް ބަޔަކު ތޮށިގަނޑު މަތީގައިތިބުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫންނެވެ. މިއީވެސް ރޯދަ މަހު ރޯދަ "ކުރުކުރަން" ކުރާ ކަމެކެވެ. ދޮށްޓެއް އޮވެއްޖެނަމަ ތޮށިގަނޑު މައްޗަށް ދާންވީ އެވެ.