ފެނަށް ބަލައިގެން އުޅެން ތަފާތު ގޮތެއް!

ފެން ރައްކާތެރި ކުރަން ބާރުއެޅުމުގެ ގޮތުން މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ތަފާތު ގޮތަކަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގައިފި އެވެ.

ގައުމީ ފެން ކުންފުނީގެ "ވޯޓާ ވޯތް" ސީރީސްއަކީ ފެން ރައްކާތެރި ކުރަން ބާރުއެޅުމުގެ ގޮތުން ފެނަށް ދާ ހަރަދު ބޭނުން ކޮށްގެން ކުރެވިދާނެ އެހެން ކަންކަން އާއްމުންގެ ސަމާލުކަމަށް ގެނެއުމަށް ސިލްސިލާކޮށް ސޯޝަލް މީޑިއާގައި ހިންގި ކެމްޕޭނެކެވެ.

އާއްމު ދިރިއުޅުމުގައި ވިސްނާލުމަކާނުލައި ފެން އިސްރާފު ކުރެވޭ އެކި އެކި ހާލަތްތަކާއި އެ ހަލާތްތަކުގައި ފެން ބޭކާރުވެގެން ދާނެ މިންވަރު ހިމަނާ ސޯޝަލް މީޑިއާގައި ހިންގި ކެމްޕޭން މީހުންގެ ލޮލުގަ އަޅައިގަތީ ފޭސްބުކްގެ ތެރެއިންނެވެ.

މި ކެމްޕޭނަކީ ކޮންމެ އަހަރުކުވެސް ފެންކުންފުނިން ކުރިއަށްދާ ކެމްޕޭނެކެވެ. އެކަމަކު މި އަހަރުގެ މެސެޖު ސަޅިވީ ވަރަށް ފަސޭހަ އުކުޅުތަކަކުން ފެން އިސްރާފުވުން މަދުކުރެވިދާނެ ގޮތްތަކެއް ކިޔައިފައިވާތީ އެވެ.

އާއްމުން ހޭލުންތެރި ކުރުވަން ބޮޑެތި ކުންފުނިތަކުން ހިންގާ މި ފަދަ ކެމްޕެއިންތަކުގެ ސަބަބުން މި ފަދަ ކަންކަމަށް އާއްމުންދޭ ސަމާލުކަން އިތުރުވެ ގޯސް އާދާތައް ކުޑަވެގެން ދެއެވެ.

ފެންކުންފުނިން "އިސްކުރުންފެން" އަދި ވޯޓާހީރޯސް ނަމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކެމްޕެއިންތަކެއް ވެސް ހިންގާފަ އެވެ.