ހަބަރު

ފެން ބިލު ނުދައްކާ މީހުނަށް ލުއިކޮށް މުއްދަތެއްދީފިި

ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ބޮޑު ލުޔެއް ދޭން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބިލްތަކަށް ފައިސާ ނުދެއްކި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި ކަމަށާއި، އެއްވެސް ރައްޔިތަކު ދަރަނީގައި ހުންނަން އެ ކުންފުނިން ނޭދޭ ކަމަށެވެ. އެގޮތުން މިހާރު ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކޭނެ ލުއި ގޮތެއް ހޯދައިދޭން މެނޭޖްމަންޓާއި ބޯޑް ޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ގަވައިދުން ބިލް ނުދެއްކި ތިބި 13،894 ކަސްޓަމަރުން އެބަތިބި ކަމަށާއި، އެހެންވެ ޑޮމެސްޓިކާއި، ކޮމާޝަލް ހިމަނައިގެން އެކުންފުންޏަށް ނުލިބިވާ ފައިސާ 131 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެހެންވެ އެކުންފުނިން ވަނީ އެ ފަރާތްތަކަށް 16 ޖޫން 2020 ގެ ކުރިން އެ ކުންފުންޏާ ވާހަކަ ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފަ އެވެ.

އެ މުއްދަތުގެ ކުރިން ބިލަް އަރާފައިވާ ފައިސާގެ އަދަދު އެއްކޮށް ދައްކާ ކަމަށްވާނަމަ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ހުރިހާ އެއްޗެއް މާފުކޮށްދޭނެ އެވެ. އެބިލްތަކުގެ 50 ޕަސެންޓް ދައްކައިފި ނަމަ ޖޫރިމަނާގެ 50 ޕަސެންޓް އެމުއްދަތުގައި މާފުކޮށްދޭނެ އެވެ. އަދި އެ ބިލްތަކުގެ ބާކީ ނުދެއްކިވާ ބައި އިންސްޓޯލްމަންޓްގެ ގޮތުގައި ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ އެވެ.

"އެމްޑަބްލިއުއެސްސީ އަކީ އަބަދުވެސް ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެންމެ ލުއިކޮށް ކަންތައްތައްކޮށްދޭ ކުންފުނީގެ ގޮތުގައި ބާއްވަން އަޅުގަނޑުމެން މި ބޭނުންވަނީ. އެގޮތުގެ މަތިން އަޅުގަނޑުމެންގެ ބޮޑާއި މަޝްވަރާކޮށް މެނޭޖްމަންޓް ޓީމުން އެދުނީ އެކަން އެގޮތަށް ކޮށްދޭން. އެހެންވީމަ އަޅުގަނޑު އެދެން ފައިސާ ނުދެއްކިވާ ހުރިހާ ފަރާތްތަކުން ވެސް ރަނުގެ މި ފުރުސަތުގެ ބޭނުން ހިފަން" އާޒިމް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވަރަށް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެކުންފުނީގެ އަމާޒެެއް ކަމަށާއި، އެގޮތުގެ މަތިން، ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކުމަކީ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅާ ކަމެެއް ކަމަށެވެ.