ހަތަރު ރަށެއްގެ ފެނާއި ނަަރުދަމާގެ މަސައްކަތް މޯލްޑިވްސް ވޯޓާ ސްވަރޭޖް ކުންފުންޏާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުންޏާއި ހަވާލު ކުރީ ބ. ގޮއިދޫ އާއި ރ. ކިނޮޅަހާއި ނ. ކުޑަފަރީ އާއި އަދި ނ. މާޅެންދޫގެ ފެނާއި ނަަރުދަމާގެ މަސައްކަތެވެ.
އެމްޑަބްލިއުއެސްސީ އާ ހަވާލުކުރި ހަތަރު ރަށުގެ މަޝްރޫއުގައި ވެސް އެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީިގެ ފަރާތުން ސޮއި ކުރީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ.
މަޝްރޫއުތަކުގެ އަގުތައް
- ގޮއިދޫ : 46 މިލިއަން ރުފިޔާ
- ކިނޮޅަސް : 36 މިލިއަން ރުފިޔާ
- ކުޑަފަރީ : 38 މިލިއަން ރުފިޔާ
- މާޅެންދޫ : 42 މިލިއަން ރުފިޔާ
މި ހަތަރު ރަށުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރި މި މަޝްރޫއުތަކުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި އާރްއޯ ޕްލާންޓް، ސްޓޯރޭޖް ވޯޓާ ޓޭންކު ބެހެއްޓުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ދީފައިވާ މުއްދަތުގެ ތެރޭ އެ ހަތަރު ރަށުގެ ފެނާއި ނަރުދަމާ ގާއިމްކޮށް އެ ރަށްރަށުގެ ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މިހާރުގެ އެންމެ ބޮޑު އަމާޒަކަށް ވެގެން މިދަނީ އާއްމުކޮށް މި ދޭ ހިދުމަތްތަކުގެ އިތުރުން، ރައީސް ސޯލިހުގެ ވައުދުގައިވާ ގޮތަށް ފެނާއި ނަރުދަމާ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ފަސް އަހަރު ތެރޭގައި ގާއިމްކޮށް ނިންމައި ދިނުން. އެ ވައުދު ފުރިހަމަ ކޮށްދިނުމަށްޓަކައި މި ކުންފުނިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ޓީމް އޮތީ ތައްޔާރަށް،" އެމްޑީ ވިދާޅުވި އެވެ.
މިއަދު ސޮއި ކުރި މަޝްރޫއުތަކަކީ ސަރުކާރުގެ ޕަަބްލިކް ސެކްޓާ އިންްވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެވެ.