މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ -- އެމްޑަބްލިޔުއެސްސީ އިން ރ. ކިނޮޅޮހުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފި އެވެ.
ކިނޮޅޮހުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށް ދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
މިރަށުގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅާފައިވާއިރު ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އަޅާފައިވާއިރު ފެން ރައްކާކުރުމަށް ފެން ތާނގީވެސް ވަނީ ބަހައްޓާފަ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ ކިނޮޅޮހުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން ޢިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅާފައިވާ ކަމަށެވެ.
ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާފައިވާއިރު މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފައިވާ ކަމަށް ފެން ކުންފުނިން ބުނެ އެވެ.
ކިނޮޅޮހުގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ޖުމްލަ 36.05 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ސަބަބުން ކިނޮޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.