މާޅޮސް

މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްފި

Aug 22, 2023

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ -- އެމްޑަބްލިޔުއެސްސީ އިން ބ. މާޅޮހުގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމާ އިފްތިތާހުކޮށްފި އެވެ.

މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމު އިފުތިތާހުކޮށް ދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

މި މަޝްރޫއުގެ ދަށުން، މާޅޮހުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅާފަ އެވެ.

މާޅޮހުގައި ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި ބޯހޯލް ތޮރުފުމާއި ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާއިރު ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފަ އެވެ.

މި ރަށުގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ޖުމްލަ 60.45 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ސަބަބުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް ފެން ކުންފުނިން ބުނެ އެވެ.