މާޅޮސް

ބ. މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ބ. މާޅޮހުގެ ފެން ވިއުގަ އާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މާޅޮހުގެ ފެން ވިއުގަ އާއި ނަރުދަމާގެ މަސައްކަތް ކުރަން ޕްލޭނިން މިނިސްޓްރީ ހަވާލުކޮށްފައި ވަނީ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއާ އެވެ.

އެ ކުންފުނީ ބުނީ 60,448,081.38 މިލިޔަން ރުފިޔާގެ ހަރަދު ކުރާ މި ދެ މަޝްރޫގެ މަސައްކަތް ވެސް ހިނގާ ކަމަށާއި ފެން ވިއުގައިގެ މަސައްކަތުގައި މިހާރު ކުރަނީ ޕްލާންޓް ބަހައްޓާ ފެސިލިޓީ އިމާރާތުގެ މަސަކަތް ކަމަށެވެ. އެ މަޝްރޫއައް ބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނާއި ތަކެތި މާޅޮހަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

މާޅޮހުގެ ފެން ވިއުގައެއް އަޅާއިރު އެ ރަށުގައި 4.93 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި އާރުއޯ ފެސިލިޓީ އިމާރާތާއި ދެ އާރުއޯ ޕްލާންޓް ބަހައްޓާނެ އެވެ. އަދި ފެން ރައްކާ ކުރަން ތިން ތާންގި ވެސް ބަހައްޓައިދޭނެ އެވެ މީގެ އިތުރުން ގޭގެއަށް ފެންމީޓަރުލައި ކަނެކްޝަން ދޭނެ އެވެ.

އެ ރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގައި 4.5 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށް 250 މީޓަރުގެ ޕަންޕިން ލައިނެއް އަޅާނެ އެވެ. އަދި ނަރުދަމާގެ އިދާރީ އިމާރާތާއި ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ވެސް ގާއިމް ކުރާނެ އެވެ.

މަސައްކަތް ނިމޭއިރު ގޭގޭގައި ޖަންކްޝަން ބަހައްޓާ ނަރުދަމާ ނިޒާމާ ގުޅާލާނެ އެވެ. މި މަސައްކަތްތައް 18 މަސް ދުވަހުން ނިންމާނެ ކަމަށް ފެންކުންފުނިން ބުނެ އެވެ.