ފެނާއި ނަރުދަމާގެ ނިޒާމް

ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

May 12, 2022

ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިޔޫއެސްސީން ފަށައިފި އެވެ. އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރަން ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ކެންދޫއަށް ވަނީ ގެންގޮސްފަ އެވެ. އެ ރަށުގައި މިހާރު ކުރަނީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ފެން ހޮޅީގެ
މައި ނެޓްވޯކް ގާއިމް ކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އެޅުމާއި، ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރާ ތިން ތާންގީ ބެހެއްޓުމާއެކު ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

ކެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގައު 4.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކަކާއި 556 މީޓަރުގެ ޕަންޕިން ލައިނަކާއި ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް ޤާއިމް ކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބަލަހައްޓަން ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލާއި ފެން ތަހުލީލު
ކުރާ ސާމާނު ފޯރުކޮށް ދޭނެ އެވެ.

ކެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން ފެން ކުންފުންޏާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫއުގެ އަގަކީ 56.24 މިލިއަން ދިވެހި ރުފިޔާއެވެ.