ނ. ފޮއްދޫ ފެން ވިއުގަ ގާއިމު ކުރުމާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގައި ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ.
ފޮއްދޫގައި 4.76 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމު ކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރުކޮށް ދޭނެ އެވެ.
މީގެ އިތުރުން ނަރުދަމާ ނިޒާމުގެ މަސައްކަތުގައި ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކާއި އަދި 454 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތާއި ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ވެސް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 58.1 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް އޮތީ އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭ ނިންމަން ޝަރުތުކޮށްފަ އެވެ.