ރާއްޖޭގެ 24 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްފި އެވެ.
ފެންކުންފުނި، އެމްޑަބްލއިުއެސްސީ އާއި މިއަދު ހަވާލު ކޮށްފައިވަނީ 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމާއި ހަ ރަށެއްގެ ފެން ވިއުގަ ގާއިމް ކުރާށެވެ.
މި މަޝްރޫއުގައި އެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި އާރުއޯ ޕްލާންޓް ބަހައްޓާނެ އެވެ. އަދި ފެން ރައްކާކުރާ ތާނގީ ބަހައްޓައި އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ޕަންޕިންލައިން އެޅުމާއި، ފެން މީޓަރާއި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ ގޭގެއަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮދޭނެ އެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރާ ރަށްތައް
- ހއ. ވަށަފަރު، ހއ.މާރެންދޫ، ހއ. ތަކަންދޫ،
- ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ،
- ށ. ގޮއެދޫ
- ނ. މާފަރު، ނ. ފޮއްދޫ،
- ރ. ފައިނު
- ބ. ކަމަދޫ، ބ. މާޅޮސް، ބ. ކެންދޫ
- ޅ. އޮޅުވެލިފުށި
- އދ. ކުނބުރުދޫ
- އއ. ހިމަންދޫ، އއ. ފެރިދޫ
- ގދ. ވާދޫ، ގދ. ފިޔޮރީ
ފެން ވިއުގަ ގާއިމު ކުރާ ރަށްތަކަކީ ހއ. މުރައިދޫ އާއި ށ. ފީވަކާއި ނ. ހެނބަދޫ އާއި ރ. އިންނަމާދޫ އާއި އއ. މަތިވެރި އާއި ބ. ދަރަވަންދޫ އެވެ.
ފެންކުންފުނިން ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ޕްލޭނިން މިނިސްޓްރީން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެ.
މި އެއްބަސްވުމުގައި ހިމެނޭ، ވާދޫ އާއި ކެންދޫ އާއި ފިޔޯރީ އަދި ދަރަވަންދޫގެ މަޝްރޫއުގެ އަގަކީ 216 މިލިއަން ރުފިޔާ އެވެ. މި ރަށްތަކުގެ މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ. އަނެއް 20 ރަށުގެ ޕްރޮޖެކްޓުގެ އަގަކީ 1.3 ބިލިއަން ރުފިޔާ އެވެ.
ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރާ 15 ރަށުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ. އަދި ފެނުގެ ނިޒާމް ގާ އިމްކުރުމައް ހަމަޖެހިފައިވާ ރަށްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ.