އެމްޑަބްލިޔުއެސްސީން ރ. އިންނަމާދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމުގެ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާ އިފުތިތާހުކޮށްފި އެވެ.
އިންނަމާދޫގެ ފެނުގެ ނިޒާމް އިފްތިތާހުކޮށް ދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުން ބައިވެރިވި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ އިންނަމާދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅާފައިވާ ކަމަށެވެ މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފެން ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން އިންނަމާދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީ ވެސް ވަނީ ބަހައްޓާފަ އެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފަ އެވެ.
އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާ ހަވާލުކުރީ 50.77 މިލިއަން ރުފިޔާއަށެވެ.
މިމަޝްރޫއުގެ ސަބަބުން އިންނަމާދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިފައިވާ ކަމަށް ފެން ކުންފުނިން ބުނެ އެވެ.