އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ އިން ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

އެމްޑަބްލިޔުއެސްސީ އިން ހދ. ހިރިމަރަދޫގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފި އެވެ.

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އާއި ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.

މިރަށުގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފަ އެވެ.

މިރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެ އެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 70 މިލިއަން ދިވެހި ރުފިޔާއެވެ.

މިމަޝްރޫޢުގެ ސަބަބުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެ އެވެ.