އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ އިން ފެރިދޫގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްފި

އެމްޑަބްލިޔުއެސްސީ އިން އއ. ފެރިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމާ އިފްތިތާހުކޮށްފި އެވެ.

ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކުރީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީ އާޢި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން ބައިވެރިވި އެވެ.

މިމަޝްރޫއުގެ ދަށުން ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް ފެން ކުންފުނިން ބުނެ އެވެ.

އއ. ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާ އެވެ.

މިމަޝްރޫއުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަން ފެން ކުންފުނިން ފާހަގަކުރެ އެވެ.