ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާ ލަފާގައި ފެނާއި ކަރަންޓުގެ ހިދުމަތުގެ ބިލުތައް ނުދެއްކުނަސް އެ ހިދުމަތް ކަނޑާނުލަން ހިމެނުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ހުށަހަޅައިފި އެވެ.
އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައިވާ ހުށަހެޅުންތަކުގެ ތެރޭގައި ހިމާނާފައި ވަނީ ފެނާއި ކަރަންޓުގެ ބިލު މި ދުވަސްވަރު ނުދެއްކިޔަސް، އެއްވެސް ގޭބިސީއަކުން އެ ހިދުމަތްތައް ކަނޑާލައިގެން ނުވާނެ ކަމަށް ކަރަންޓުގެ ހިދުމަތް ދެމުންދާ ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން ފެނުގެ ހިދުމަތް ދެމުންދާ އެމްޑަބްލިއުއެސްސީއަށް އެންގުމަށެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ލޯނު ދޫކުރާއިރު، ދިވެހިން ވަޒީފާއިން ވަކިކުރާ ކުންފުނިތަކަށް އެ ލޯނު ނުލިބޭނެ ގޮތަކަށް ހެދުމަށް ވެސް ކޮމިޓީން ހުށަހެޅި އެވެ. އަދި އުފެއްދުންތެރިކަން ނެތް ސަރުކާރު ހިއްސާވާ ކުންފުނިތައް އުވާލުމަށާއި ކުންފުނިތަކުގެ މެންޑޭޓުން ބޭރުން އެއްވެސް ކަމެއް ކުރާނަމަ އެ ކަމެއް ހުއްޓުވަން ވެސް ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ.
ފެނާއި ކަރަންޓްގެ ހިދުމަތްތައް ނުކަނޑަން ހުށަހަޅަން ކޮމެޓީން ނިންމިއިރު، ކޮމިޓީގައި އިންނަވާ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުގެ ހިއްސާވާ އެ ކުންފުނިތަކުން ހިލޭކޮށްދޭން ހުށަހަޅައިފަ އެވެ. އެކަމަކު ކޮމިޓީގެ އަޣުލަބިއްޔަތު ނުލިބުމުން އެ ހުށަހެޅުން ފާހެއް ނުވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ފެން ބިލުތަކުގެ 30 ޕަސެންޓް އަދި ކަރަންޓު ބިލުތަކުގެ 40 ޕަސެންޓް ދެއްކުމަށް ވަނީ ހިމަނައިފަ އެވެ.