ކޮވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތައްޔާރުކޮށްފައިވާ ކޮވިޑް ފެސިލިޓީގެ ހާލަތާމެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އަވަސް ފިޔަވަޅު އެޅުމަށް އެދި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައި ސައީދު ވަނީ ހުޅުމާލެ މެޑިކަލް ފެސިލީޓިގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ މިހާރު އޮތް ހާލަތުގެ ސަބަބުން އެތަނަށް ވަންނަ މީހުންނަށް އިތުުރު ބަލިތަކެއް ޖެހިދާނެ ކަމަށެވެ.
"ފާހާނާއެއް ކޮޓަރިތެރެއެއް ސާފެއް ނުކުރޭ. ސޯޝަލް މީޑިއާގައި ރޭވެސް ދައުުރުވަމުން ދިޔަ އުމުރުން ދުވަސްވީ އެތައް ބަޔަކު ރުއި. އިއްޔެގެ ވަގުތެއްގައިވެސް އެތައް ބަޔަކު ރޮމުން ދިޔަ އެމީހުންގެ އެނދުގެ ތައްމަތި ބަދަލުކޮށްލާނެ މީހަކު އެތާ ނެތިގެން. އެތަނަށް ވަންނަ މީހުންގެ ލޮލުން އޮހޮރާނެ ކަރުނަ ވިސްނާލަ ބައްލަވާ. މެމްބަރު ޝިޔާމްއަށް އެބަގުޅާ ޕެނަޑޯލް ކާޑެއް ހޯދަން،" ސައީދު ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކުރި އިރު މިއީ ސަރުކާރުން ނެރެން ބޭނުންވި ނަތީޖާތޯ ސައީދު ސުވާލު ކުރެއްވި އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުންވެސް ތިބިއިރު އެތަން ފުލްވެ ހިދުމަތްތައް ނުލިބޭއިރު އަޅާލުން ވެސް ނުލިބޭ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެތަނުގައި އެކަށީގެންވާ ނަރުުހުންނާ ޑޮކްޓަރުންވެސް ނެތެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ހިދުމަތްތަކަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުވެސް މިއަދު ފާޑުވިދާޅުވި އެވެ. ވިދާޅުވީ އެ ފެސިލިޓީގެ ހިދުމަތް ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ. ހުދު އެކަން ހަމަ ލޮލުން ފެނިވަޑައިގަތްކަން ވެސް ތޯރިގު ވިދާޅުވިއެވެ.