ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދަށްވާތީ އެ ކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ ބޭނުން ކުރެވޭ ތަނެއް ނުފެންނަ ކަމަށާއި އެއީ ސިޔާސީ ބަޔާނަކަށް ނުހަދަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި މުހައްމަދު ސައީދު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ ބޭނުން ހިފާ ތަނެއް މިހާތަނަށް ނުފެންނަ ކަމަށެވެ. ޕެކޭޖްގެ ކަންކަން ސަރުކާރުން ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"އިކޮނޮމިކް ޕެކޭޖް އަކީ ޕޮލިޓިކަލް ސްޓޭޓްމަންޓް އަކަށް ނުވުމަށް ކޮންމެ ރައްޔިތަކު އެދޭނެ. އެ ފައިސާ ހޯދޭނެ ގޮތެއް، ލިބޭނެ ވިޔަފާރިއެއް، ވާން އުޅޭ ގޮތެއް ނޭނގޭ، ރައްޔިތުންނާއި ވިޔަފާރިތަކަށް މި ސާފުކޮށް ކިޔައިދޭން އަވަސްވެ ގަތުމަށް ސަރުކާރަށް ގޮވާލަން،" ސައީދުގެ ޓްވީޓްގައިވެ އެވެ.
2.5 ބިލިއަން ރުފިޔާގެ ތެރެއިން 208 މިލިއަން ރުފިޔާ ޓޫރިޒަމް ސިނާއަތަށް ހާއްސަ ކުރާއިރު ޕެކޭޖް އިއުލާން ކުރި ފަހުން މިހާތަނަށް ވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ޕެކޭޖްގެ ތެރެއިން ޓޫރިޒަމް ސިނާއަތަށް ހާއްސަ ކުރާ ފައިސާ އަކީ ބީއެމްއެލްގެ އަމިއްލަ ފައިސާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބީއެމްއެލްއަށް ވެސް ފައިސާ ސްޓްރެކްޗް ކުރެވޭނީ ވަކި މިންވަރަކަށް ކަމަށް ސައީދު ވިދާޅުވި އެވެ.
ސަރުކާރުން ތައާރަފުކުރި 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖްގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިއަޑާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދު ނުކުރުމަށް ޝަރުތު ކުރެ އެވެ.
ސަރުކާރުގެ ޕެކޭޖްގެ ތެރެއިން އުފެއްދުންތެރިކަން އިތުރުކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުން ދަނީ ގިނަ ކަންކަން ހުށަހަޅުއްވަމުންނެވެ. އަދި އެ މައްސަލައިގެ ބަހުސް ނުނިމޭތީ މެންބަރުންގެ އެއްވެސް ހުށަހެޅުއްވުމަށް ފާސްކުރުމާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ.
ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން އިގްތިސާދަށް ބޮޑު ހީނަރު ކަމެއް އަންނާނެ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އިގްތިސާދަށް ވަންނަ ބޭރުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ގެއްލޭނެ އެވެ.