ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ސައީދު

ކަނު ހުއްދައެއް ދީފިއްޔާ އިގްތިސާދު ހަލާކަށް ގޮސްދާނެ: ސައީދު

އެމްއެމްއޭއިން މަނިޓަރައިޒްކޮށް ސަރުކާރުގެ ދަރަންޏަށް ހަތަރު ބިލިއަން ރުފިޔާ ނެގުމުގެ ހުއްދައަކަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މައްސާލަގައި "ކަނު ނިންމުމެއް" ނިންމައިފިނަމަ އިގްތިސޯދު ނުރައްކަލެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ލީޑަރު ކަން ވެސް ކުރައްވައި މުހައްމަދު ސައީދު ވިދާޅުވީ އިގްތިސޯދުން ފައިސާ ހުސް ވެގެން އެމްއެމްއޭގައި ޗާޕުކޮށްގެން ޕަބްލިކް އެކައުންޓްގައި ރައްކާ ކޮށްފައިވާ ފައިސާ ނަގައި އަލުން އިގްތިސޯދުގެ ތެރެއަށް ގެނައުމަކީ ހަމަ ފައިސާ ޗާޕް ކުރުން ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަންނަވަނީ ބްލޭންކް ޗެކަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެއީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑްކޮށް އެދޭ "ބްލޭންކް ހުއްދައެއް" ކަމަށް ސައީދު ވިދާޅުވި އެވެ. އެއްވެސް ދިރާސާއެއް ނެތި ހުށަހަޅާފައިވާ ގޮތަށް "ކަނު ހުއްދައެއް" ދީފިއްޔާ ނަތީޖާ ވަރަށް ގޯސްވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ސަރުކާރުން އެއްޗެއް ފޮނުވާއިރަށް ދެފައި ޖަހާފައި އެ ކަމެއް ކުރަން ވެއްޖެއްޔާ ދިވެހިރާއްޖޭގައި ދެން ހުރި ފައިސާ ކޮޅު ހުސްވެގެން ދިޔައީ. ބްލޭންކް ޗެކަކަށް ނުވިޔަސް މިއީ މި މާލިއްޔަތު ގާނޫނު ގަތްބަނދެގެން ހޯދައި ބްލޭންކް އެޕްރޫވްމަންޓެއް." ސައީދު ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ފައިސާ ޗާޕްނުކުރައްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވާ ކަން ފާހަގަ ކުރައްވަމުން ސައީދު ވިދާާޅުވީ މަޖިލީހުން ހުއްދަ ދިނުމުގެ ކުރިން ގަވަރުނަރާއި އެމްއެމްއޭގެ ސާފު ލަފައެއް ހޯދަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސުންގެ ހިޔާލު ހޯދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސައީދު ގޮވާލެއްވި އެވެ. މި ގޮތުން މާފުށީ ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިޔާލުފުޅުތައް ހޯއްދެއްވުމަށް ވެސް ސައީދު ވިދާޅުވި އެވެ.