ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ސައީދުގެ ބިލު އެޖެންޑާއެއް ނުކުރި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މާލީ ހާލަތު ދަށްވެ ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީތެރިވުމުގެ ގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލު ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން ވެސް އެ ބިލު އެޖެންޑާ ނުކުރަން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ލީޑަރު ސައީދު މީގެ ކުރިން ވެސް މަޖިލީހަށް މި ބިލު ހުށަހެޅުއްވުމުން، ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ހިމަނާފައި ވާތީ ރައީސް ނަޝީދު ވަނީ ބިލު އެޖެންޑާ ނުކުރައްވައިފަ އެވެ. އަދި އަލުން އިސްލާހު ކުރުމަށް ފަހު ބިލު ހުށަހަޅުއްވަން ރައީސް ނަޝީދު އެންގެވި އެވެ.

ބިލަށް އިސްލާހުތަކެއް ގެނައުމަށް ފަހު ސައީދު ވަނީ އިއްޔެ އަލުން ތަޅުމަށް ބިލު ފޮނުވައިފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ސައީދުގެ ބިލު އަދިވެސް އޮތީ ސަރުކާރުގެ ފައިސާއާ ގުޅުން ހުރި ބައެއް ކަންކަން ހިމަނައިގެން ކަމަށެވެ. އެފަދަ ބިލެއް ހުށަހެޅޭނީ ސަރުކާރަށް ކަމަށް ވުމުން ބިލު ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސް ކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީއެއްގެ މެންބަރެއް މެދުވެރިކޮށެވެ.

ދެވަނަ ފަހަރަށް ސައީދު ހުށަހެޅުއްވި ބިލުގައި ވެސް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަނޑުވެރި ބިންތަކުގެ ކުލި ފަސްކޮށްދިނުން ހިމަނާފައިވެ އެވެ. ބިލުގައި ކުރިން އޮތް ސަރުކާރުގެ ފައިސާއާ ގުޅުން ހުރި އިތުރު ތިން މާއްދާއެއް އިސްލާހުކޮށްފައިވެ އެވެ.

ސައީދުގެ ބިލުގައި ދެން އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރު ކުރުން މަނާ ވާނެ ކަމަށެވެ.

މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމި، ވެލާނާ އެއާޕޯޓުގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓުގެ ކުލީގެ ފައިސާ އެޕާޓްމަންޓް ނުވަތަ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ނަމަވެސް ވެލާނާ އެއާޕޯޓުގެ ދަތުރުފަތުރުތައް އަލުން ފެށޭއިރު ދިރިއުޅެން ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 10 މަހަށްވުރެ ކުޑަ ނަމަ ކުލީގެ ބާކީ މުއްދަތުގައި ނުދެއްކިވާ ކުލީގެ 50 ޕަސެންޓް ފައިސާ ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ބިލުގައިވެ އެވެ.

ކޮވިޑް-19 ގެ ހާލަތުގައި މާލީ ހާލަތު ދަށްވާ މީހުނަށް އެހީވާނެ ބިލެއް ސައީދު ހުށަހެޅުއްވިއިރު، މާލީ ހާލަތު ދަށްވާ މީހުނަށް އެހީވާން ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވައިފަ އެވެ.

އެ މައްސަލަ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ލަފާގައި ހިމަނާނެ ހުށަހެޅުންތަކަކާއެކު ކޮންމެ ކޮމިޓީއަކުން ރިޕޯޓެއް ތަޅުމަށް ފޮނުވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 300 އަށް ވުރެ ގިނަ ހުށަހެޅުން އެ ރިޕޯޓުތަކުގައި ހިމަނާފައިވެ އެވެ.