ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ހާލަތު މެނޭޖް ކުރަން ސަރުކާރުން ކުރި ހަރަދުތަކާ އަޅާ ބަލާއިރު ނެރެވުނު ނަތީޖާ ސުމެއް ކަމަަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގެ ހާލަތު ގޯސްވެފައިވާތީ އެ ފެސިލިޓީގެ މައްސަލަތައް ހައްލު ކުރަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައަށް މިއަދު ކުރި ބަހުސްގައި ސައީދު ވަނީ ކޮވިޑާ ގުޅިގެން ސަރުކާރުން ކުރި ހަރަދުތަކާ އޭގެ ނަތީޖާއަށް އަލި އަޅުވައި ލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތު މެނޭޖްކުރަން ހިލޭ އެހީގެ ގޮތުގައި 700 މިލިއަން ޑޮލަރު (ގާތް ގަނޑަކަށް 11 ބިލިއަން ރުފިޔާ) ލިބުނު އިރު ދައުލަތުން އެކަނި ވެސް ހަތަރު ބިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ. އަދި ޖުމްލަ 15 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
"15 ބިލިއަން ރުފިޔާ ހަރަދުކުރި ގޮތް ބައްލަވާލައްވާ، ކަންބޮޑު ވެގެން މި އުޅެނީ ވެންޓިލޭޓަރުގެ މައްސަލަަކަމަށް ވަންޏާ ގާތްގަނޑަކަށް މުޅި އާބާދީގެ ކޮންމެ ރަަށަކަށް ވެންޓިލޭޓަރެއް ގަނެފަ އަދި ބާކީ 50 އަކަށް ވެންޓިލޭޓަރެއް ހުއްޓަސް 250 ވެންޓިލޭޓަރު ގަންނަން މި ހަރަދު ވަނީ 10 ވަރަކަށް މިލިއަން ޑޮލަރު (160 އެއްހާ މިލިއަން ރުފިޔާ)" ސައީދު ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އަޅަން 2.3 ބިލިއަން ރުފިޔާ ހަރަދުވިކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމަށް ފަހު ކޮންމެ ރަށަކަށް ވެންޓިލޭޓަރާކައި މާލެއަށް 50 ވެންޓިލޭޓަރު ގަތަސް 2.4 ބިލިއަން ރުފިޔާއިން ފުދޭނެ ކަމަށެވެ.
ސައީދު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދި ދެކުނު ކޮރެއާާ ފަދަ ގައުމުތަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށާއި ހަމައެކަނި ކުރި މަސައްކަތަކީ ޓެސްޓިން ފެސިލިޓީތައް ގާއިމްކުރުން ކަމަށެވެ. ނަމަވެސް ސައީދު ނިސްބަތްވާ ދާއިރާ ހިމެނޭ ލ. މާވަށުގައި އެކަނިވެސް ޓެސްޓް ކުރުމުގެ ވަސީލަތްތައް ގާއިމް ކުރެވިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކޮންމެ ރަށެއްގައި ޓެސްޓިން ފެސިލިޓީއެއް ގާއިމްކޮށް އަދި ބޭނުމިއްޔާ ރީޖަނަލް އައިސީޔޫތަކެއް ގާއިމްކޮށް ވެކްސިން ހޯދައި ބަރާބަރު ބޯޑާ މެނޭޖް ކުރުމަށް ވެސް އަށް ބިލިއަން ހަރަދު ނުވޭ. އެހެންވީމާ 25 ބުރީގެ އިމާރާތެއް ކޮވިޑަށް އެކަނި އެޅިޔަސް ދާނެ ހަރަދަށްވުރެ ގިނަ ފައިސާ މިއަދު ސަރުކާރުން ހަރަދުކޮށްފި. އެކަމަކު ރައްޔިތުން އުފައްދާ ސުވާލަކީ ނަތީޖާ. ނަތީޖާ ސުމެކޭ!" ސައީދު ވިދާޅުވި އެވެ.