ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގައި އާންމު ފަރުދުންގެ މާލީ ހާލަތު ގޯސްވެފައި ވާތީ މި ހާލަތުގައި މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުން އުޅޭ ތަނަށް ކުލި ނުދެއްކުނަސް ގެއިން ނެރުން މަނާ ކުރުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ބިލެއްގައި ހިމަނައިފި އެވެ.
"ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" ގެ ނަމުގައި ސައީދު ހުށަހެޅުއްވި އެ ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ވެސް ހިމަނާފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު އެޖެންޑާ ކޮށްފައެއް ނުވެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކަންކަން ބަދަލުކޮށް އަލުން ހުށަހެޅުމުން އެޖެންޑާ ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސް ކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.
ސައީދު ހުށަހެޅުއްވި އެ ބިލުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރުކޮށްގެން ނުވާނެ ކަމަށެވެ.
މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމި ވެލާނާ އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓްގެ ކުލީގެ ފައިސާ އެޕާޓްމަންޓް ނުވަތަ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ނަމަވެސް ވެލާނާ އެއާޕޯޓުގެ ދަތުރުފަތުރުތައް އަލުން ފެށޭއިރު ދިރިއުޅެން ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 10 މަހަށްވުރެ ކުޑަ ނަމަ ކުލީގެ ބާކީ މުއްދަތުގައި ނުދެއްކިވާ ކުލީގެ 50 ޕަސެންޓް ފައިސާ ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ ދިވެއްސެއްގެ ޕެންޝަން ފަންޑަށް ޖަމާ ކޮށްފައިވާ ޖުމުލަ ފައިސާގެ ތިންބައިކުޅަ އެއްބައި އެ މީހަކަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރަން ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ. އަދި އެ ފައިސާ ދޫކުރަން ވާނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ކޮންމެ އިންސްޓޯލްމަންޓެއް ވެސް 30 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާ ގޮތުގެ މަތިން ކަމަށް ބިލުގައިވެ އެވެ.
ނަމަވެސް އެ ބިލުގައި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ޓެކްސްއާއި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި، ސްޓޫޑަންޓް ލޯނާއި ޓޫރިޒަމް ސިނާއަތަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާ ގުޅޭ ގޮތުން ވެސް ބައެއް ކަންކަން ހިމަނާފައިވާތީ އެ ކަންކަން ބަދަލު ކުރުމަށް ފަހު އަލުން އެ ބިލު ހުށަހަޅަން ރައީސް ނަޝީދު ވަނީ ސައީދަށް އަންގަވައިފަ އެވެ.
މަޖިލީހުގެ ގަވާއިދަށް ފެއްތުމަށް ޓަކައި ސައީދުގެ ބިލަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެންބަރު ސައީދާއެކު ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.