ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެފްޓީއޭ ހަދަނީ ވިޔަފާރި އެއްވަރު ގައުމުތަކުގެ މެދު: ނަޝީދު

Apr 2, 2020
12

މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދަނީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމުތަކުގައި މެދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަޝީދު އެގޮތަށް ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުގައި ޗައިނާއާއެކު ހެދި ވިޔަފާރީގެ އެއްބަސްވުމަށް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އަމަލުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލު ފެންމަތިވެފައިވަނީ، ޗައިނާއާއެކު ރާއްޖޭން ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވަގުތުން ތަންފީޒު ކުރުމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

އިއްޔެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ސައީދު ވިދާޅުވީ މިއީ ރާއްޖެއާ ޗައިނާ ދެމެދު ގާއިމްކުރެވުނު ފްރީ-ޓްރޭޑް އެގްރީމަންޓް ވަގުތުން ތަންފީޒު ކުރަންވީ ވަގުތެވެ. އެ އެއްބަސްވުމުގައި ރާއްޖެއަށް މާލި ފައިދާ އިންތިހާއަށް ލިބިގެންދާނެ ފުރުސަތުތައް އެބަހުރިކަން ފާހަގަކުރައްވާ ރާއްޖެއިން ކަނޑުމަހާ، ސީފުޑްގެ އިންޑަސްޓްރީ ވަރުގަދަ ކުރުމަށް މެންބަރު ސައީދު ގޮވާލެއްވިއެވެ.

"..އަޅުގަނޑު ފުރުސަތުގައި ގޮވާލަން ރާއްޖެއާ ޗައިނާ ދެމެދު ގާއިމްކުރެވުނު ފްރީ-ޓްރޭޑް އެގްރީމަންޓް ވަގުތުން ތަންފީޒު ކުރުމަށް. ސަބަބަކީ 6000 ކަސްޓަމް އައިޓަމް ޗައިނާގެ ޓެރިފް އައިޓަމްގައި އިންނައިރު ގާތްގަނޑަކަށް 300 ނުވަތަ 600 އެތައް އައިޓަމްއަކީ ސީފުޑް. ދިވެހިރާއްޖެއަކީ ނިސްބަތުން ދުނިޔޭގެ ސީފުޑްގެ ކެޕްޓަލްއަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތް. އިއްޒަތްތެރި ރައީސް.. ދުނިޔޭގެ ކޮންމެ ހިސާބަކުން ސީފްޑްގެ ބާވަތްތައް ނުވަތަ މަހުގެ ބާވަތްތައް ގެނެސް ދިވެހިރާއްޖޭގައި ކުޑަކުޑަ ޕަސެންޓެއް ވެލިއުއެޑްކޮށްގެން ޗައިނާއަށް ސުން ޕަސެންޓްގައި، ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ސުންޕަސެންޓްގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައި." ސައީދު ވިދާޅުވި އެވެ.

ނަމަވެސް، އެ އެއްބަސްވުމާ ދެކޮޅަށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ނަޝީދު މިއަދު ވެސް ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާއާދެމެދު ވިޔަފާރީގެ ގޮތުން ބޮޑު ފަރަގެއް ހުރި އިރު، އެ އެފްޓީއޭ ތަންފީޒު ކުރުމުން ރާއްޖެއަށް ކުރާނެ ގެއްލުން ބޮޑުވާނެ ކަމަށެވެ.

"އެފްޓީއޭއަކީ ބެލެންސް އޮފް ޕޭމަންޓް އެއްވަރުގެ ގައުމުތަކުގެ މެދުގައި ކުރާ ކަމެއް،" ސައީދުގެ ވާހަކަ "ހިޔާލީ ފޮލާ"އެއްގެ ގޮތުގައި ސިފަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް އިމްޕޯޓް ޑިޔުޓީ ހިއްސާ ކުރާއިރު، އެފްޓީއޭއަށް އަމަލު ކުރަން ފަށައިފިނަމަ އެ އާމްދަނީ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

"އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ރާއްޖެއަށް ބޭރުން ގެންނަ ހުރިހާ މުދަލެއް ޗައިނާ އިން ގަންނަން ފަށާނެ. ދެން އެހެން ގައުމުތަކުން އަޅުގަނޑުމެން ގަންނަ އެއްޗެހިވެސް ނުގަންނާނެ، އެއީ އެ ގައުމުތަކުން ލިބޭވަރަށްވުރެ މާ އަގު ހެޔޮކޮށް ޗައިނާ އިން ލިބެން ފަށާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އިމްޕޯޓް ޑިޔުޓީގެ އާމްދަނީވެސް އަޅުގަނޑުމެންނަށް ގެއްލިގެންދާނެ، އަދި ޗައިނާއިން ރާއްޖެއަށް އެތެރެކުރެވޭ މިންވަރާ ގާތަށްވެސް އަޅުގަނޑުމެންނަށް ޗައިނާއަށް ބޭރެއްވެސް ނުކުރެވޭނެ،" އެމަނިކުފާނު ތަފްސީލުކޮށް ދެއްވި އެވެ.

އޭގެ އިތުރުން، ޗައިނާ އިން އެ ގޮތަށް ގެންނަ މުދާ، ރާއްޖެއަށް އެތެރެކުރުމަށްފަހު އަލުން ރީ އެކްސްޕޯޓް ކުރުމުގެ ގިނަ ދަތިތައްވެސް ކުރިމަތިވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި އޭރުވެސް އަދި މިހާރުވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ގިނަ މަޝްވަރާތަކަށް ފަހު އެއްބަސްވުމެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެކަމަށް ވަނީ މަޖިލީހުން ރުހުން ދީފައެވެ.

އޭގެ ފަހުން 2017 ވަަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ރާއްޖޭގެ އިސްވެރިންގެ ވަފުދެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފަ އެވެ. ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ހަފްލާގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާން އެވެ.

ނަމަވެސް އެ އެއްބަސްވުމާމެދު މި ސަރުކާރުން އަދި ގޮތްތަކެއް ނިންމާފައެއް ނުވެ އެވެ.