ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮވިޑްގެ ހާލަތު ގޯސްވާތީ ކުއްލި މައްސަލައެއް

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާތީ އަވަސް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީ (ޕީއެންސީ) ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން ފެންނަކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިއަދު މި މައްސަލަ ބަލައިގަތް އިރު މިދިއަ ހަފުތާގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ ކުއްލި މައްސަލައެއް އިދިކޮޅުން މަޖިލީހަށް ވެއްދި އެވެ. ނަމަވެސް އެ ދުވަހު މައްސަލަ ބޭރުކޮށްލިީ އެވެ.

މިއަދު މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ ވެސް ރައްޔިތުންގެ އޮތް ކަންބޮޑުވުމަކީ އެ ބަލިން ވީ އަވަހަކަށް އަރައިގަނެވީ އާންމު ހާލަތަކަށް ނުދެވި ދިއުމެވެ. އާންމު ހާލަަތަށް ގެންދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ސައީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

"ދައުލަތުގެ އާމްދަނީގެ ބޮޑު ބަޔަކާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ 2020 އިން ފެށިގެން ކޮވިޑްގެ ވަސީލަތްތައް ގާއިމްކޮށް އިންތުޒާމްތައް ރަނގަޅު ކުރުމަށް ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށް ބުނަމުންދާއިރު ރައްޔިތުންނަށް އެކަމުގެ މަންފާއެއް ނުލިބި ޝަކުވާތައް ދަނީ އިތުރު ވަމުން" ސައީދު މިއަދު ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ ކަންބޮޑުވާ ދަރަޖައަށް އުފުލިފަ އެވެ. މިހާތަނަށް ކޮވިޑް ޖެހިފައިވާ 55،924 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި 134 މީހަކު ވަނީ މަރުވެފަ އެވެ.