ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮވިޑްގެ ހާލަތު ގޯސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިތުރަށް ބަލި ފެތުރެމުންދާތީ ވަސީލަތްތައް ގާއިމްކޮށް އަދި އީޖާބީ މަސައްކަތްތައް ހަލުއި ކުުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުން ނެވެ. އަދި ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ އެ މައްސަލަ ބަލައިގަންނަށް މަޖިލީހުގެ ތަޅުމުން ފާހެއް ނުވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އަތޮޅުތަކުން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބުމުގައި ގޮން ޖެހުންތައް ހުރުމާއެކު ނަތީޖާ ނުލިބި އެތައް ދުވަހަކު މަޑުކުރަން ޖެހޭ ކަމަށާއި ސިއްހީ ދާއިރާގެ މަގަތު ސަފުގައި މަސައްކަތް ކުރާ މީހުން ވަރުބަލިވެ ފަރުވާ ދިނުން ލަސްވާ ހާލަަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުން އަންނަ ކަމަށެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ބެޑް ކެޕޭސިޓީ އެކަށީގެންވާ ވަރަށް ނެތުމާއެކު ގިނަ ބަޔަކަށް ފަރުވާ ނުދެވި ފުރާނައަކަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ފާހަގަ މިއަދު ކުރެއްވި އެވެ. އަދި ކޮވިޑް ޝީލްޑްގެ ދެވަނަ ޑޯޒް ނުލިބިގެން އެތައް ހާސް ބަޔަކު ވެކްސިން ނުޖެހިފައި ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދޭން އިތުރު ވަސީލަތްތައް ގާއިމްކޮށް އިންސާނީ ވަސީލަތްތައް ގާއިމްކޮށް ހަރުދަނާ ފިޔަވަޅު އަޅައި މަސައްކަތް ހަަލުއިކޮށް މިހާރަށް ވުރެ ރަނގަޅަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަނީ ވަރަށް ގޯސްވެފަ އެވެ. އިއްޔެވެސް 1433 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. ކޮވިޑްގައި މަރުވާ މީހުންވެސް މިފަހުން އިތުރުވަމުންދާއިރު މިހާތަނަށް 109 މީހުން ބަލީގައި ވަނީ މަރުވެފަ އެވެ. އަދި ބަލިމީހުނަށް ފަރުވާ ދޭން ހުރި ބެޑްތައް ފުރެން މިހާރު ވަނީ ކައިރި ވެފަ އެވެ.