ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރު ކުންފުނިތަކުގެ މުސާރަތައް ކުޑަކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން 15،000 އަށްވުރެ މަތީގެ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލުމަށް ފިނޭންސް މިނިސްޓްރީއިން ސަރުކާރު ކުންފުނިތަކަށް އަންގައިފި އެވެ.

ސަރުކާރު ކުންފުނިތަކަށް މި އެންގުން ފިނޭންސް މިނިސްޓްރީއިން އެންގީ ކޮވިޑް-19އާ ގުޅިގެން އިގުތިސޯދަށް ވަރަށް ބޮޑަށް އަސަރެއް ކުރަމުންދާތީ އެވެ. އަދި، ކޮވިޑާ ގުޅިގެން ކުންފުނިތަކުގެ ކޭޝް ފްލޯއަށް ދަތިކަން އައިސްފައިވާތީ އެވެ.

ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ ކުންފުނިތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާގައި ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް އެކަމަށް ބޭނުންވާ ދިރާސާ ކުރުމަށް ވަނީ އަންގާފަ އެވެ. ދިރާސާ ހެދުމުގައި މައިގަނޑު ތިން ކަމަކަށް ރިއާޔަތް ކުރުމަށް އަންގާފައިވެ އެވެ.

ފުރަތަމަ ކަމަކީ 15،000 އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އުނި ނުކުރުމެވެ. މިހާރު ވެސް 15،000 އަށްވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ، އާ މުސާރަ އޮނިގަނޑުގައި ވެސް ބަދަލު ގެނެސްގެން ނުވާނެ ކަމަށް ސާކިއުލާގައިވެ އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުސާރަ އުނި ކުރުމުގައި ޕްރޮގްރެސިވް ރީޑަކްޝަން ރޭޓެއް ގެންގުޅުމެވެ. އެގޮތުން މަތީ ފެންވަރުގެ މުވައްޒަފުން ނުވަތަ ގިނައިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކެނޑޭ ރޭޓް މަދުން ލިބޭ މުވައްޒަފުންގެ ރޭޓަށްވުރެ އިތުރުވާންވާނެ ކަމަށް ސާކިއުލާގައިވެ އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ސާކިއުލާގައި ފާހަގަ ކޮށްފައިވަނީ އާ މުސާރަ އޮނިގަނޑަކީ މިހާރު އަމަލު ކުރާ އޮނިގަނޑަށް ބަލާ ހާމަނައިޒް ކުރެވިފައިވާ އޮނިގަނޑަކަށް ހެދުމަށް އިސްކަން ދިނުމެވެ. އެގޮތުން މުސާރައިގެ އޮނިގަނޑުގައިވާ ސެލެރީ ބޭންޑް އަދި ހަރުފަތްތަކަކީ އާ މުސާރަ އޮނިގަނޑާއި އެއްގޮތް އޮނިގަނޑަކަށް ވާން ޖެހެ އެވެ.

މި ތިން ކަމަށް ރިއާޔަތް ކުރުމަށްފަހު މުސާރައިގެ އާ އޮނިގަނޑެއް ތައްޔާރުކޮށް މި ފެށޭ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ސާކިއުލާގައި ކުންފުނިތަކަށް ވަނީ އަންގާފަ އެވެ. އަލަށް ހަދާ މުސާރައިގެ އޮނިގަނޑު ތަންފީޒު ކުރަން ޖެހޭނީ މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވެސް ސާކިއުލާގައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ، އެސްޓީއޯ، އެމްޑަބްލިއުއެސްސީ، ސެޓެލްކޯ، ފެނަކަ، އެމްއެމްޕީއާރްސީ ފަދަ ކުންފުނިތައް ހިމެނެ އެވެ. ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް އެއްކޮށް ހުއްޓިފައިވާއިރު މިހާރު އިގުތިސޯދު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައިވެ އެވެ.