ރައްޔިތުންގެ މަޖިލިސް

ފްލެޓްތަކުގެ އަޕްޑޭޓް ހޯދަން ކުންފުނިތަކާ ބައްދަލުކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހޯދަން އެ ކުންފުނިތައް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ހަދަމުންދާ ފްލެޓްތަކުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ވިދާޅުވެ ދެއްވާފަ އެވެ.

އެގޮތުން ފްލެޓްތަކުން މަސައްކަތް ފަށާފައިވަނީ ހަ ކުންފުންޏަކުން ކަމަށް ވިދާޅުވި އެވެ. އެއީ އެމްއޭސީއެލް، އެމްޕީއެލް، އެމްޓީސީސީ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯ އެވެ.

އެމްއޭސީއެލްގެ ފްލެޓްތަކުގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާއިރު އެމްޕީއެލް ފްލެޓްތަކުގެ 68 ޕަސަންޓް މަސައްކަތް ހުރީ ނިންމާފަ އެވެ. އެމްޓީސީސީ ފްލެޓްތަކުގެ 7.51 ޕަސެންޓް ނިމިފައިވާއިރު އެމްޑަބުލިއުއެސްސީގެ ފްލެޓްތައް ހުރީ 59.59 ޕަސެންޓް ނިންމާފަ އެވެ. ސްޓެލްކޯ ފްލެޓްތަކުގެ 85.68 ޕަސެންޓް ނިންމާފައިވާއިރު އެސްޓީއޯ ފްލެޓްތަކުގެ 15 ޕަސެންޓް މަސައްކަތް ވަނީ ނިންމާފަ އެވެ.

އެ ހަ ކުންފުނީގެ ތެރެއިން މިހާރު މަސައްކަތް ފްލެޓްތަކުގެ މަސައްކަތް ކުރަނީ ހަތަރު ކުންފުންޏަކުން ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ. މަސައްކަތް ހުއްޓިފައިވަނީ އެސްޓީއޯ އަދި އެމްޓީސީސީގެ ފްލެޓް ތަކުގަ އެވެ. އެ މަސައްކަތްތައް ދެން އިތުރަށް ހިނގާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަ ކުންފުނި ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށެވެ. އެއީ ދެ ދުވަހަކަށް ބަހާލައިގެން ކޮންމެ ދުވަހަކު ތިން ކުންފުނި ކޮމިޓީ އަށް ހާޒިރުކުރާ ގޮތަށެވެ. ފްލެޓްތަކުގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް މާދަމާ ހުޅުމާލެ އަށް ދިއުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.