ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ކުންފުނިތަކަށް މީހުން ބިނާ ކުރުމަށް ސްކޮލާޝިޕް ސްކީމެއް ތައާރަފުކޮށްފި

ބޭރުގެ ޔުނިވާސިޓީތަކުން ސަރުކާރު ދޭ ސްކޮލާޝިޕް ފުރުސަތުތަކަކީ ފުލް ފަންޑިން ސްކޮލާޝިޕް ތަކަށް ހަދަން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކާމެދު އެއްބަސްވެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ނަމުގައި ސްކީމެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތައާރަފު ކޮށްފި އެވެ.

މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދޭން ހުޅުވާލި އާ ފުރުސަތެކެވެ.

މި ސްކީމް ތައާރަފު ކުރަން އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނިތަކާއެކުވި އެއްބަސްވުން ހަވާލު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ސްކީމްގެ ދަށުން ދަރިވަރުންނަށް ސްކޮލާޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން އެއްބަސްވުންތަކުގައި ސޮއި ކުރީ ސަރުކާރު ހިއްސާވާ ހަތް ކުންފުންޏަކާއި އަމިއްލަ ހަތަރު ކުންފުންޏަކާ އެކުގަ އެވެ.

ދަރިވަރު ކިޔަވައި ނިންމުމަށް ފަހު، ފަންޑް ކޮށްދިން ކުންފުނީގެ އެހީގައި ވަޒީފާ ހަމަޖެހިގެން ދާނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެޗްޑީސީ އާއި ދިރާގާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ އާއި އެސްޓީއޯ އާއި އަދި އެމްއޭސީއެލެވެ. އަމިއްލަ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ކަރައުން އެންޑް ޗަންޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

މި ސްކީމްގެ މައިގަނޑު ބޭނުމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ބޭރުގެ ޔުނިވާސިޓީތަކާ ދެމެދު އޮތް ސްކޮލާޝިޕްގެ ފުރުސަތުތައް ކުންފުނިތަކާ ގުޅިގެން ކުންފުނިތަކުން ބާކީ ބައި ފަންޑް ކުރާ ގޮތަށް އެ ސްކޮލާޝިޕްތައް ފުލް ފަންޑިން ސްކޮލާޝިޕްތަކަށް ހަދައި ވީހާ ވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތުތައް ފަހިކޮށް ދިނުމެވެ.

ބޭރުގެ ޔުނިވާސިޓީތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހުރިހާ އެއްބަސްވުންތަކާއެކު ލިބޭ ޝްކޮލާޝިޕްތައް ހިމަނައިގެން ގާތްގަނޑަކަށް 100 އެއްހާ ސްކޮލާޝިޕްގެ ފުރުސަތު ކޮންމެ އަހަރަކު ލިބޭނެ އެވެ.

ކޯޕަރޭޓް ސްކޮލާޝިޕް ސްކީމާބެހޭ ގޮތުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ބޭރުގެ ޔުނިވާސިޓީތަކުން މިނިސްޓްރީއަށް ހަމަޖައްސައިދޭ ސްކޮލާޝިޕް ފުރުސަތުތަކުގައި ޓިއުޝަން ފީ މުޅިން ހަމަޖައްސައިދޭ ފުރުސަތުތައް ހުރި ނަމަވެސް ފުރުސަތުތައް ލިބޭ ބައެއް ދަރިވަރުންގެ މާލީ ހާލަތު ހުންނަ ގޮތުން ހުރުމާއި ދަތުރުގެ ހަރަދު ހަމަނުޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތަކާއެކު މަޝްވަރާ ކުރުމުން ފާހަގަ ކުރެވުނީ އެ ކުންފުނިތަކަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައި ތަމްރީން ދެނީ ވަރަށް ބޮޑެތި ހަރަދުތައް ކޮށްގެން ކަމަށެވެ. އަދި މިފަދަ ސްކީމެއްގެ ސަބަބުން އެ ކުންފުނިތަކަށް ވެސް އަގު ހެޔޮކޮށް މުވައްޒަފުން ތަމްރީން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވޭތުވެދިޔަ ހަފުތާތަކުގައި މަޝްވަރާ ކުރީ އަޅުގަނޑުމެންނަށް މިހެން ލިބޭ ފުރުސަތުތައް އެ ކުންފުނިތަކަށް ފަހި ކޮށްދިނުމަށް. މަޝްވަރާ ކުރުމުން އެނގުނީ މިއީ އެ ބޭފުޅުންނަށް ރަނގަޅު ފުރުސަތެއް ކަމަށް. އަގު ކުޑަކޮށް މީހުން ތަމްރީން ކޮށް އެ ކުންފުނިތަކަށް މުވައްޒަފުން ހޯދުމަށް ރަނގަޅު ފުރުސަތު ކަމެއް ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައި އެ ސްކޮލާޝިޕް ފުރުސަތުތައް ހޯދައި އެ މައުލޫމާތުތައް ކުންފުނިތަކާ މިނިސްޓްރީން ހިއްސާ ކުރާނެ އެވެ. އަދި އެ ސްކޮލާޝިޕަށް ދަރިވަރު ހޮވުމުގައި ހުރިހާ މަސައްކަތެއް ކުރާނީ މިނިސްޓްރީންނެވެ. އެކަމަކު ސްކޮލާޝިޕް ލިބޭ ދަރިވަރާއި ކުންފުންޏާ މެދު އެއްބަސްވުން ގާއިމު ކުރުމަށް ކުންފުނިތަކަށް ފުރުސަތު އޮންނާނެ އެވެ.