ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ކޯޕަރޭޓް ސްކޮލާޝިޕަށް އަންނަ އަހަރު ހުޅުވާލަނީ

ކޯޕްރޭޓް ސްކޮލާޝިޕަށް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ހާމަކޮށްފި އެވެ.

ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން ހިންގާ މި ސްކީމްގައި މުޅި ކޯސްފީ އެއްކޮށް ކަވަރު ކުރާނެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ލޯންޗް ކުރި މި ސްކީމަކީ ބޭރުގެ ޔުނިވާސިޓީތަކުން ރާއްޖެއަށް ދީފައިވާ ޕާޝަލް ސްކޮލާޝިޕްގެ ބާކީ ބައި ކުންފުނިތަކުން ސްޕޮންސާ ކުރާ ސްކީމެކެވެ.

ހަޔާ އެޑިއުކޭޝަނުން ހާމަކުރާ ގޮތުގައި މިސްކީމްގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމަނައިގެން ޖުމްލަ 12 ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ އާއި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެޗްޑީސީ، ދިރާގު، އުރީދޫ މޯލްޑިވްސް، އޭޑީކޭ، އެމްޓީސީސީ، އެމްއޭސީއެލް، އިސްލާމިކް ބޭންކް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެފަ އެވެ.

މި ސްކީމްގެ ދަށުން ކޯސްތަކަށް ދަރިވަރުން ހަޔާ އެޑިއުކޭޝަނުން ހޮވަން ނިންމާފައިވާއިރު ކޯސްތަކަށް ހޮވޭ ދަރިވަރުންނާއި ސްޕޮންސާ ކުރާ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

މަތީ ތައުލީމަށް ފަހި ފުރުސަތުރަކެއްދީ މަތީ ތައުލީމު ހާސިލް ކުރާ ޒުވާނުން އިތުރު ކުރުމަށް ސަރުކާރުން އަމާޒް ހިފާފާއިވާއިރު ހިލޭ ޑިގްރީ އަށް ކިޔެވޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.