ވިޔަފާރި

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް އެސްޓީއޯއަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށް ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދިރާސާ ކުރުމަށްފަހު ޕީސީބީން ނެރެފައިވާ ކުންފުނިތަކުގެ އަހަރީ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު ހަތް ބިލިއަން ރުފިޔާއާ އަޅާބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ.

އެސްޓީއޯ އަށް ފަހު، ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުންފުންޏަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެ ކުންފުންޏަށް ފަސް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު ލިބުނު ހަތަރު ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 18 ޕަސެންޓުގެ އިތުރުވުމެކެވެ.

ޕީސީބީ އިން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ ފިޔަވައި އެހެން ހުރިހާ ކުންފުންޏެއްގެ އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

ސަރުކާރު ހިއްސާވާ 21 ކުންފުނި އޮންނައިރު މިދިޔަ އަހަރު ގިނަ ކުންފުނި ތަކުގެ ސާފު ފައިދާ ވަނީ ދަށަށް ގޮސްފަ އެވެ. މިގޮތުން އެންމެ ބޮޑު ގެއްލުމެއްވި އެއް ކުންފުންޏަކީ އެސްޓީއޯ އެވެ. އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ބޮޑުތަން އިތުރުވި ނަމަވެސް ސާފު ފައިދާ ވަނީ 93 ޕަސެންޓް ދަށްވެފަ އެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ސާފު ފައިދާއެއް މިދިޔަ އަހަރު ލިބިފައިވަނީ ސްޓެލްކޯ އަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2017 ވަނަ އަހަރު ލިބިފައިވާ 53 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 100 ޕަސެންޓް އިތުރު ވުމެކެވެ.