ވިޔަފާރި

އާމްދަނީ އެންމެ އިތުރުވި ސަރުކާރު ކުންފުންޏަކަށް ވެމްކޯ

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް އާމްދަނީ އިތުރުވި ކުންފުންޏަކަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ވެއްޖެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން ބޯޑުން އިން ނެރުނު ސަރުކާރު ކުންފުނިތަކުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ކުނީގެ މައްސަލަ ހައްލު ކުރަން އުފެއްދި ވެމްކޯ އަށް 2017 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު 20 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އަދި މިދިޔަ އަހަރުގެ (2018ގެ ފުރަތަމަ ތިން މަހު) އެ ކުންފުންޏަށް 38 މިލިއަން ރުފިޔާ ލިބިފައި އެވެ. އަދި އެ ކުންފުނީގެ އާމްދަނީ ވަނީ 89 ޕަސެންޓަށް އިތުރުވެފަ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން އިން ބުނެފައިވާ ގޮތުގައި އެންމެ ބޮޑަށް އާމްދަނީ ލިބުނު ދެވަނަ ކުންފުންޏަކީ ގައުމީ ފެން ކުންފުންޏެވެ. އެ ކުންފުންޏަށް 2017 ގެ ފުރަތަމަ ތިން މަހު 170 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މިދިޔަ އަހަރުގެ މި އަދަދު 217 މިލިއަން ރުފިޔާ އަށް އިތުރުވެ، 27 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެސްޓީއޯ އަށް 2017 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުނީގެ އާމްދަނީ ވަނީ 2.5 ބިލިއަން ރުފިޔާ އާއެކު، 22 ޕަސެންޓް އިތުރުވެފަ އެވެ. ދެން މި ލިސްޓުގައި ހިމެނެނީ ދިގާރާއި އެމްއޭސީއެލް އަދި ބީއެމްއެލް އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަދި އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އެވެ.

އެންމެ ބޮޑު އާމްދަނީ އެސްޓީއޯ އާއި އެމްއޭސީއެލް އަށް

ވެމްކޯއަކީ އާމްދަނީ އިތުރުވި ކުންފުންޏެއްގެ ގޮތުގައި ލިސްޓު ކުރިނަމަވެސް އެންމެ ގިނައިން އާމްދަނީ ލިބޭ ސަރުކާރު ކުންފުންޏަކީ އެސްޓީއޯގެ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެސްޓީއޯ އަށް 2017 ގެ ފުރަތަމަ ތިން މަހު 1.8 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 2.5 ބިލިއަން ރުފިޔާއަށް އިތުރުވެ، 22 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި އެމްއޭސީއެލްއަށް 2017 ގެ މި މުއްދަތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ އާމްދަނީ ކުރުކޮށް

  • ވެމްކޯ 89 ޕަސެންޓް
  • ފެން ކުންފުނި 27 ޕަސެންޓް
  • އެސްޓީއޯ 22 ޕަސެންޓް
  • ދިރާގު 19 ޕަސެންޓް
  • އެމްއޭސީއެލް 19 ޕަސެންޓް
  • އޭއައިއޭ 17.78 ޕަސެންޓް
  • އައިއޭއެސްއެލް 16 ޕަސެންޓް
  • ބީއެމްއެލް 13.89 ޕަސެންޓް
  • އެމްޓީސީސީ ހަތަރު ޕަސެންޓް ދަށަށް
  • ކާޑެއްދޫ އެއާޕޯޓް ކުންފުނި 10 ޕަސެންޓް ދަށަށް

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އާމްދަނީ އެންމެ މަދުން ލިބިފައިވަނީ ރާއްޖޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން އުފެއްދި ކުންފުނި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސ) އެވެ. އެ ކުންފުންޏަށް 2017 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު ލިބުނީ 223,018ރ. އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބިފައިވަނީ 5,910ރ. އެވެ. މިއީ 97 ޕަސެންޓުގެ ދަށްވުމެކެވެ.