ވިޔަފާރި

ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 136 މިލިއަން ރުފިޔާ ދައްކައިފި

Mar 13, 2019

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 136 މިލިއަން ރުފިޔާ ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ "ވީކްލީ މާލީ ހިސާބު" ތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތައް، ނުވަތަ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ތަކުން ވަނީ 136 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަ އެވެ. ނަމަވެސް ޑިވިޑެންޓް ދެއްކީ ކިތަށް ކުންފުނިންކަމެއް ބުނެފައެއް ނުވެ އެވެ.

ކުންފުނިތަކުން ޑިވިޑެންޑް ދައްކަނީ ކުންފުނީގެ ބޯޑުން ޑިވިޑެންޑް ދައްކަން ނިންމުމުނެވެ. މި އަހަރުގެ ބަޖެޓުގައި އެސްއޯއީ ތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 874 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކަށް ބަލާއިރު، އެންމެ އާއްމު ގޮތެއްގައި އެންމެ ގިނައިން ޑިވިޑެންޑް ދައްކާ އެއް ކުންފުންޏަކީ މޯލްޑިވްސް އެއާޕޯޓް ކުންފުނި (އެމްއޭސީއެލް) އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިދިޔަ މަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ދިވެހި ސަރުކާރު ހިއްސާވާ 21 ކުންފުނި އޮވެ އވެ. މި ކުންފުނިތަކަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު ސާފު ފައިދާ ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ހަ މަސް ދުވަހު ސަރުކާރު ކުންފުނިތަކުން އެންމެ ބޮޑު ސާފު ފައިދާއެއް ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. ބީއެމްއެލް އިން ވަނީ 232 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯދާފަ އެވެ. އެ ކުންފުންޏަށް 2017 ވަނަ އަހަރު ލިބުނު 183 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 30 ޕަސެންޓް އިތުރުވުމެކެވެ. އަދި އެމްއޭސީއެލް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް 221 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ކުންފުންޏަށް 2017 ވަނަ އަހަރު ލިބުނީ 197 މިލިއަން ރުފިޔާ އެވެ. މިއީ 12 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން ދިރާގަށް 215 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް 2017 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނީ 209 މިލިއަން ރުފިޔާ އެވެ. އެއީ ތިން ޕަސެންޓުގެ އިތުރުވުމެކެވެ.