މަސީ

ޕިކްނިކް އައިލެންޑް މިސްކިތް، އެމްއެންއޭސީއައިގެ ހިލޭ އެހީއެއް

Jul 15, 2022

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާން ސަރުކާރުން ހިއްކާފައިވާ ޕިކްނިކް އައިލެންޑް ކުޑަގިރީގައި ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ކުރީގެ މަސީ އިން އަޅައިދޭ މިސްކިތް ނިމެން ގާތް ވެއްޖެ އެވެ.

ޕިކްނިކް އައިލެންޑުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ ކުންފުނީގެ މަސީ އަދި މިހާރުގެ އެމްއެންއޭސީއައި އިން އަޅައިދޭ މިސްކިތުގައި 200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މި މިސްކިތް އަޅަން އެހީވެދީފައިވަނީ އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އިސްނެންގެވުމެއްގެ މަތިން އެ ޖަމިއްޔާގެ ބޯޑުގެ މެންބަރުންގެ ދީލައި އެހީތެރިކަމާއެކުގަ އެވެ. މިއީ އެ ޖަމިއްޔާގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދޭ ކަމެކެވެ.

މި މިސްކިތުގައި 80 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު މިސްކިތުގެ މަސައްކަތް ކުރަނީ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގާ އެމްޓީސީސީ އިންނެވެ.

ކުޑަގިރި ކުރިއަށް އޮތް މިނިވަން ދުވަހަށް ހުޅުވުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނި ތަކުން ގެންދަނީ އެ ރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.