މަސީ

އެމްއެންއޭސީއައިގެ އޭޖީއެމް ބާއްވައި އާ ބޯޑެއް

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ އަހަރީ އާއްމު ޖަލްސާ ބާއްވައި، އެ ޖަމިއްޔާ ހިންގަން އާ ހިންގާ ކޮމެޓީއެއް ނަގައިފި އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ކުރީގެ މަސީ އަދި މިހާރު ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ ކަމަށްވާ އެމްއެންއޭސީއައިގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނި އިއްޔެ މާގިރި ހޮޓެލްގަ އެވެ. މި ބައްދަލުވުމުގައި އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި މުޅިން އަލަށް އެ ޖަމިއްޔާ ހިންގަން އެގްޒެކެޓިވް ބޯޑެއް ހޮވާފަ އެވެ.

އެމްއެންއޭސީއައިގެ ރައީސްގެ މަގާމަށް ދެ ދައުރަށް ހޮވިފައި ވަނީ، އެޗްއާރުސީގެ ވެރިޔާ، މުހައްމަދު އަލީ ޖަނާހެވެ. ނައިބު ރައީސްއަކީ އެލިޔާ ކޮންސްޓްރަކްޝަންގެ، އަލާއު އަލީ އާއި ދަމާސްގެ އަބްދުﷲ ސޯލިހެވެ. ޖެނެރަލް ސެކްރެޓަރީއަކީ އަދުނާން ހަލީމެވެ. އަދި ހަޒާންދާރްއަކީ ޓެޕްކޮންގެ ހަސަން ހަބީބެވެ. އަދި ހަޒާންދާރުގެ ނައިބްގެ މަގާމަށް އަފާމީ މޯލްޑިވްސްގެ އަމީން މުހައްމަދު އެވެ.

އަލަށް ހޮވި އެކްޒެކެޓިވް ބޯޑް

  • އަބްދުﷲ މުހައްމަދު : އަމީން ކޮންސްޓްރަކްޝަން
  • މުހައްމަދު ނާޒިމް : އާރުސީއެންސީ
  • އިބްރާހިމް މިހާދު : އަމީން ބިލްޑްވެއާ
  • ހުޝާމް އަލީ : ރެޕިޑް ކޮންސްޓްރަކްޝަން
  • އަމްޖަދު މުސްތަފާ : ކޯލައިން މޯލްޑިވްސް
  • ސައުދުﷲ ހިލްމީ : ސްވިފްޓް އިންޖިއަރިން
  • މާޒިމް ރަފީގު : ރެއިންބޯ ކޮންސްޓްރަކްޝަން
  • އައިމިނަތު ސޫޒަން : އަމްސުން ހޯލްޑިން
  • މުހައްމަދު ސާލިހު ބިން ހުސެއިން : ސްޓާ މޯލްޑިވްސް
  • އިބްރާހިމް ޝިއުރީ : ޔުނައިޓެޑް ޑިވްލޮޕްމަންޓް
  • މުހައްމަދު ހަލާލު ވަހީދު : ނަލަހިޔާ
  • މުހައްމަދު މިއުޒަމް : އެކްސްޓިކް ހޯމް

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މިދިޔަ އަހަރަކީ ކޮވިޑް0-19 ގެ ސަބަބުން އެ ޖަމިއްޔާގެ ގިނަ މެންބަރުންނާއި އިންޑަސްޓްރީއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ އަހަރުތަކެއް ކަމަށާ، މި ގޮންޖެހުމުން އަރައި ގަންނަން އެ ޖަމިއްޔާގެ ހިންގާ ކޮމެޓީއާދެމެދު މަޝްވަރާ ކުރެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ އެކި ވުޒާރާތަކާ ދެމެދު ގިނަ މަޝްވަރާ ތަކެއް ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ކިތަންމެ ކުޑަ ވިޔަފާރިއެއް ނަމަވެސް އަދި ކިތަންމެ ބޮޑު ވިޔަފާރިއެއް ނަމަވެސް އެފަރާތަކަށް ދިމާވާ މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ ކޮބައިތޯ ބަލާ އޭގެ އެންމެ ފުން މިނަށްގޮސް އެ ކަމަކަށް އޮތް އެންމެ ރަނގަޅު ޙައްލެއް ހޯދައި ދެވޭ ތޯ މަސައްކަތް ކޮށްފަ،" ޖަނާހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ޖަމިއްޔާގެ މެންބަރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާ އެގޮތުން ކޮވިޑް ފެސިލިޓީތައް މަރާމާތުކުރުމުގައި ސަރުކާރާއި ގުޅިގެން މަސީ އާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިން ޑެލިވަ ކޮށްދެއްވި 'ޕްރޯ އެކްޓިވް' އެޕްރޯޗް ފާހަގަ ކޮށްލެވޭ ކަމަށެވެ. މީގެ އިތުރުން މި އަހަރު ފާހަގަވެގެންދަނީ މި މައިދާނުގައި ރާއްޖެއަށް އަދި މި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ކުރާ މަސައްކަތުގައި ތާރީހީ އަހަރެއް ކަމަށާ އެއީ ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއަރިން (ފިޑިކް) އާއި އެ ޖަމިއްޔާއިން ސޮއިކުރެވިގެންދިޔަ އެމްއޯޔޫގެ ސަބަބުން ކަމަށެވެ. މި އެމްއޯޔޫ ތާރިހަށް ވަދެގެން ދަނީ މި އެއްބަސްވުމަކީ ރާއްޖޭގެ ތާރިހުގައި ކޮންސްޓަރަކްޝަން ސިނާއަތުގައި އިންޓަނޭޝަލް އެޖެންސީ އަކާއިއެކު ވެވުނު ފުރަތަމަ އެއްބަސްވުމަށްވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.