މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑް ހަދަން ބިން ހިއްކަން އާންމުންގެ ހިޔާލު ހޯދަނީ

ކުޑަގިރި ފަޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އައިލޭންޑްގެ ބިން ހިއްކުމުގެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އާންމުންނަށް ހުޅުވާލައިގެން ހިންގާ މި ސާވޭއަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިިކްނިކް ދިޔުމަށްޓަކައި ރަށެއް ތަރައްގީކުރުމަށްް ސަރުކާރުން ރާވައިފައިވާތީ އެމަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއަށް އީއައިއޭ ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރާ ސާވޭ އެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ސާވޭގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި މި ޕްރޮޖެކްޓާއި މެދު ހުރި ކަންބޮޑުވުންތައް ހޯދުން ކަމަށެވެ. މީގެ އިތުރުން މި ސާވޭގެ ތެރެއިން މި ޕްރޮޖެކްޓުގެ ސަބަބުން ލިބޭނެ ފައިދާތައް ދެނެގަންނާނެ އެވެ.

ޕިކްނިކް އައިލެންޑް މަޝްރޫއުގައި ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.

މި ދެރަށުގެ ބިން ހިމާޔަތް ކުރުމަށް ގްރޮއިން އާއި ރިވެޓްމަންޓް ޖަހާނެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރުވެސް ގިނަ ބިން ހިއްކުމުގެ މަޝްރޫއު ތަކަށް ވެލި ނަގަމުންދާ ސަަރަހައްދެކެވެ. މި ޕްރޮޖެކްޓަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.