އެމްޓީސީސީ

މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފި

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަަސައްކަތް ފަށައިފި އެވެ.

މަޝްއޫއުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން، ރަށުގެ ލަފާ ފުރުމުގެ ދަތިތައް ހައްލުވެގެންދާނެ އެވެ.

ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މި ރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން އިގްތިސާދީ ގޮތުން އިތުރު ފައިދާތައް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ދެކެ އެވެ.

މި މަޝްރޫއުގެ ދަށުން 59،013.29 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެ އެވެ. މީގެއިތުރުން 1508.90 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ އެވެ.

މި މަޝްރޫއަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފަ އެވެ. ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތައް ސަރުކާރުން އެންމެ ގިނައިން ހަވާލުކުރާ ކުންފުންޏަކީ ވެސް އެމްޓީސީސީ އެވެ.