ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުރުގައި ނިންމި 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި މަސައްކަތް ފަށާފައި ހުރި ބަނދަރުތަކެއް ކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒް ވަނީ ރައީސް ސޯލިހްގެ މި ދައުރުގައި 47 ބަނދަރު ނިމި 36 ބަނދަރު ހަދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އަލީ ނިޔާޒަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 108 ބަނދަރުގެ މަސައްކަތްކޮށް ނިންމި ކަމަށެވެ.
"ވެރިކަން ބަދަލުވި އިރު 26 ބަނދަރުގެ މަސައްކަތް ހިނގަމުން ދިޔަ. މި ވެރިކަމުގައި ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ޔާމީންގެ ވެރިކަމުގައި ފެށިފައިވާ ބަނދަރުތައް" މުއިއްޒު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ޑިސެމްބަރު 28، 2022 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން 47 ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އިތުރު 36 ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރާއި ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.