މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހަ ރަށެއްގެ މަޝްރޫއުތައް ތިން ބަޔަކާ ހަވާލުކޮށްފި

ޕްލޭނިން މިނިސްޓްރީން ހަ ރަށެއްގައި ހިންގާ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީން ވަނީ ބ. ދަރަވަންދޫ އާއި ރ. ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ފ. ނިލަންދޫގައި ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމާއި ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި ގއ. ވިލިނގިލި ހިއްކި ބިން އަދި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ސާސް-އީ ކޮންސްޓްރަކްޝަންއާ އެވެ. އެއްބަސްވުމުގައި ސާސް-އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު އެވެ.

މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ބ. ދަރަވަންދޫ ބަނދަރު އަޕްގްރޭޑްކުރުން

މި މަޝްރޫއުގެ ދަށުން ދަރަވަންދޫ ބަނދަރު 1،843 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި އަލަށް އިތުރު ކުރެވޭ ބަނދަރުގެ ބޭސިން 30،504 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. މީގެ އިތުރުން 352 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 83 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި 24 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި 248 މީޓަރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން 248 މީޓަރު ސްކޯރިން އެޕްރަން ޖެހުމުގެ މަސައްކަތާއި ދެ ނެވިގޭޝަން އެއިޑް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 74 މޫރިން ރިންގް ހަރުކުރުމުގެ މަސައްކަތާއި 34 މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ޖެޓީއެއް އަޅާނެ އެވެ.

މަޝްރޫއުގެ ދަށުން 10 މަގުބައްތި ހަރުކުރުމާއި 2104 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 59.9 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ރ. ދުވާފަރު ބަނދަރު އަޕްގްރޭޑްކުރުން

އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ 11.4 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ދުވާފަރު ބަނދަރުގެ 39،135 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް ކޮންކްރީޓް ޖެޓީއެއް އަޅާނެ އެވެ.

ގއ. ވިލިނގިލި ހިއްކި ބިން އަދި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމުކުރުން

މި މަޝްރޫއު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 43.8 މިލިއަން ރުފިޔާއަށެވެ.

މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ވިލިނގިލި އަލަށް އާބާދުވި ސަރަހައްދުގެ އިތުރުން އެރަށުގައި ފަހުން ހިއްކާފައިވާ ބިމުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތާއި ޕަންޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް އަދި ސީ އައުޓްފޯލް އެއް އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

ސ.ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމުކުރުން

މި މަސައްކަތް ފެނަކައާ ހަވާލުކުރީ 21.5 މިލިއަން ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގެ ތެރެއިން ފެނާއި ނަރުދަމާ ގާއިމު ކުރެވިފައި ނުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އަޅާ، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރު ބެހެއްޓުމާއި މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅާލުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ.

ފ. ނިލަންދޫގައި ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުން

މި މަޝްރޫއު ފެނަކައާ ހަވާލުކުރީ 42.3 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ނިލަންދޫގައި 2008 ވަނަ އަހަރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ. އޭގެ އިތުރުން ޕަންޕްތަކާއި އެހެނިހެން ތަކެތި ބަދަލު ކުރުމާއި ސީއައުޓްފޯލްއެއް އެޅުމާއި ސްވަ ޖެޓިން މެޝިނެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ އެވެ.

އއ.ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުން

ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 20.3 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ތޮއްޑޫގައި 750 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ގާއިމުކުރުމުގެ އިތުރުން 17،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.